އެޗްއައިވީ އާއި އެއިޑްސް ޖެހޭ މިންވަރު ދަށްކުރުމަށް ހިންގާ ކެންޕޭނެއްގެ ދަށުން ޒިންބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އާއި ޕާލަމެންޓުގެ ގިނަ މެންބަރުންތަކެއްގެ އިތުރުން ދައުލަތުގެ އިސް ވަޒީފާތަކުގައި ތިއްބެވި ވަރަށް ގިނަ ފިރިހެން ބޭފުޅުންގެ ޚިތާނު ކުރުން އެ ގައުމުގައި ކުރިޔަށްދާ ކަމަށް ބީބީސީން ޚަބަރުދެއެވެ.

ވެރިރަށް ހަރާރޭގައި ހުންނަ އެ ގައުމުގެ ޕާލަމެންޓް ހައުސްގައި މިހާރު ވަނީ ޚިތާނުކުރުމަށް ހާއްސަ ކްލިނިކެއް ވެސް ގާއިމުކޮށްފަ އެވެ. ޒިންބާބްވޭ ޕާލަމެންޓޭރިއަންސް އެގެއިންސްޓް އެއިޑްސްގެ ޗެއާމަން ބްލެސިން ޗެބުންދޯ ވިދާޅުވި ގޮތުގައި މި ކަމުގެ މައިގަނޑު ލަނޑުދަނޑިއަކީ އެހެން ރައްޔިތުން މި މަގުން ހިނގާން ޝައުގުވެރިކުރުވުމެވެ.

ޔޫއެންއެއިޑްސް އާއި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ނެރުނު ދިރާސާ ރިޕޯޓަކުން ދައްކާ ގޮތުގައި ފިރިހެނުން ޚިތާނު ކުރެވުމަކީ، އޭގެ ސަބަބުން އެޗްއައިވީ ފެތުރުމުގެ ފުރުސަތު އެތައް ގުނައަކަށް ކުޑަކޮށްދޭ ކަމެކެވެ. މި ގޮތުން ވައިރަސް ފެތުރުމުގެ މިންވަރު 60 ޕަސެންޓް ދަށްކޮށްދޭ ކަމަށް މި ރިޕޯޓުގައިވެއެވެ.

ޒިންބާބުވޭގެ އާބާދީގައި އެޗްއައިވީއަށް ޕޮޒިޓިވް މިލިޔަނެއް ހައި މީހުން އުޅޭނެ ކަމަށް ގަބޫލު ކުރެވިފައިވާއިރު، 5 ލައްކަ މީހުން ދަނީ އެންޓި-ރެޓްރޯވައިރަލް ބޭސް ބޭނުންކުރަމުންނެވެ.

ޒިންބާބުވޭއަކީ 2007 ވަނަ އަހަރު ޑަބްލިޔޫއެޗްއޯ އާއި ޔޫއެންއެއިޑްސް އިން، ފިރިހެނުންގެ ޚިތާނުކުރުން ތަރައްގީކޮށް ކުރި އަރުވާން ޖެހޭ ކަމަށް ފާހަގަކުރި އެފްރިކާގެ 13 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މރ. ޗެބުންދޯ ވިދާޅު ގޮތުގައި މިހައިތަނަށް ޕާލަމެންޓުގެ 120 މެންބަރުންނާއި މުވައްޒަފުންވަނީ ޚިތާނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާނެކަން ހާމަކޮށްފައެވެ. ޒިންބާބުވޭގެ ވެރިރަށް ހަރާރޭގައި ހުރި ބީބީސީގެ މުރާސިލާ ހަވާލާދީ ބީބީސީން ބުނެފައިވާ ގޮތުގައި މިހައިތަނަށް ޕާލަމެންޓުގެ 10 މެންބަރުންނާއި އެހެން 13 މީހެއްގެ ޚިތާނުވަނީ ކުރެވިފައެވެ. ޚިތާނު ކުރުމަށް އާންމުކޮށް ނަގަނީ 10 މިނެޓު ކަމަށާއި، މި ޕްރޮގްރާމުގައި އެންމެ ފުރަތަމަ ޚިތާނު ކުރެވުނީ ޕާލަމެންޓުގެ، އެއިޑްއާ ދެކޮޅަށް މަސައްކަތްކުރާ ކޮމެޓީގެ ޗެއާމަން ބްލެސިންގ ޗެބުންދޯއެވެ.

އޭނާއާ ހަވަލާދީ ބީބީސީން ބުނާ ގޮތުގައި އުމުރުފުޅުން 88 އަހަރުގެ ރައީސް ރޮބަޓް މުގާބޭ އާއި އަދިވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ޚިތާނު ވެސް މި ޕްރޮގްރާމްގައި ކުރެވޭނެއެވެ. ޒިންބާބުވޭގެ ޚިތާނު ކުރުމުގެ ޕްރޮގްރާމާ ގުޅިގެން މި ދުވަސްވަރު ވަރަށް ބޮޑު ސަމާލުކަމެއް އެ ގައުމަށް ލިބެމުންދާ ކަމަށް ވެސް ބީބީސީން ހާމަކުރެއެވެ.

ޒިންބާބުވޭގެ ޕާލަމެންޓަށް މިކަން ހުށަހެޅިގެން ދިޔައީ 2011 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެއީ ބޮޑުވަޒީރުގެ ނައިބު ތޮކޮޒާނީ ކޫޕޭ، އެކަމަނާއާ އެކު ސިޔާސީ މައިދާނުގައި އުޅުއްވާ ފިރިހެން ބޭފުޅުން ޚިތާނު ކުރެއްވުމަށް ގޮވައިލުމާ ގުޅިގެންނެވެ.

ޚިތާނު ކުރުމާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކާއި ކައުންސެލިންގެ ޕްރޮގްރާމްތައް ވެސް އެ ގައުމުގައި ކުރިޔަށްދާ ކަމަށް ޚަބަރު ލިބެއެވެ. -- ބީބީސީ