18 Aug 2024, 09:34
ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގެ އެ ގައުމުގެ 10 މީހުން ޝަހީދުކޮށްލައިފިއެވެ.
އެ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ސޫރިއާގެ ރައްޔިތުންނެވެ.
ބީބީސީއަށް މައުލޫމާތު ދެއްވަމުން ލުބުނާނުގެ ސިއްޚަތާބެހޭ ވަޒީރު، ފިރާސް އަބިއާދު ވިދާޅުވީ ހަމަލާ އަމާޒުވީ ނަބާތީހު ސިޓީގައި، ސީރިއާގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ އިމާރާތަކަށެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނަކާއި އޭނާގެ ދެ ދަރިން ހިމެނޭ ކަމަށާއި އިތުރު ފަސް މީހެއްގެ ހާލު ގޯސް ކަމަށް އަބިއާދު ވިދާޅުވިއެވެ.
ހަމަލާދިން އިމާރާތުގެ ވެރިފަރާތް ހުސައިން ތޮހްމާޒް ވިދާޅުވީ އެއީ އެއް އާންމުން ދިރިއުޅޭ އިމާރާތެއް ކަމަށެވެ.
އިސްރާއީލުގެ އެ ހަމަލާގެ ރައްދުގައި ރައްދުގައި އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އިން ވަނީ އިސްރާއީލުގެ އުތުރުގެ ކިބުޒަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އަދި އިސްރާއީލުގެ އަސްކަރީ ޕޯސްޓަކަށްވެސް ރޮކެޓް ހަމަލާއެއްދީފައިވެއެވެ.
ހިޒްބުﷲ އިން ދިން ފުރަތަމަ ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް، ދެވަނަ ހަމަލާގައި އިސްރާއީލުގެ ދެ ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ބުންޏެވެ.
ލުބުނާނަށް ވައިގެ ހަމަލާއެއް ދީފައި ވަނީ ފަލަސްތީނުގެ ޢައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި މަޝްވަރާތައް ދެ ދުވަހަށް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ރަހުމުކުޑަ ހަމަލާތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ހިޒްބުﷲ އިން ވަނީ އިސްރާއީލަށް ހަމަލާ ދޭން ފަށައިފައެވެ.
އަދި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނާއި ހަނގުރާމަ ހުއްޓާނުލާހާ ހިނދަކު ހިޒްބުﷲން އިން އިސްރާއީލާ ދެކޮޅަށް ހަމަލާތައް ދޭނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.