އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވިލާއިން ސީޒަންގެ ފެށުން ރޭ ރަނގަޅު ކޮށްފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ވިލާއިން ކާމިޔާބު ކޮށްފައިވަނީ 1-2 އިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ވެސްޓް ހޭމްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ.

މި މެޗު ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު ނަމަވެސް އެ ޓީމުގެ ފެށުން އެހާ ރަނގަޅު ނުވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ކުރިކޮޅު ވިލާއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ.

މިލަނޑު އެ ޓީމަށް މެޗުގެ ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަންގައި އެވަޓަންއިން ވިލާއަށް އަލަށް ބަދަލުވި އަމަޑޫ އޮނާނާއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވިލާގެ ލީޑު ފުޅާކުރާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ނަތީޖާ އަކަށް ވެގެންދިޔައީ ވެސްޓް ހޭމްއަށް ލިބިގެންދިޔަ ރަނުގެ ފުރުސަތުގެ ބޭނުންކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މެޗުގެ 37 ވަނަ މިނެޓުގައި ވިލާގެ ޕެނަލްޓީ އޭރިއާ ތެރެއިން ތޯމަސް ސުޗެކް އަތުގާ އޮތް ބޯޅަ ހޯދުމަށް ވިލާގެ މެޓީ ކޭޝް ކުރި މަސައްކަތުގެ ތެރޭގައި އޭނާއަށް ފައުލް ކުރުމުން ލިބިގެންދިޔަ ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ޕަކުއެޓާއެވެ.

ޕެނަލްޓީ ޖަހާ ކުޅުންތެރިޔާގެ މައްޗަށް ކާމިޔާބީ ހޯދުމުގައި ގިނަ ފަހަރަށް ކާމިޔާބީ ހޯދާ ވިލާގެ ކީޕާ އެމިލިއާނޯ މާޓިނޭޒްއަށް މިޕެނަލްޓީ މަތަކުރެވޭ ގޮތެއްނުވިއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ. މިގޮތުން ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.

މިގޮތުން މިމަސައްކަތުގައި ކާމިޔާބީ ލިބިގެންދިޔައީ ވިލާގެ ބަދަލު ކުޅުންތެރިޔާ ޖޯން ޑުރާންއަށެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ.

މި ސީޒަންގައި ވެސްޓް ހޭމްއަށް ބަދަލުވާން އުޅޭކަމުގެ އަޑު ވަރަށް ގަދަޔަށް ފެތުރިފާވި ޑުރާން މި ލަނޑު ޖެހުމަށްފަހު އަތުގެ އިޝާރާތުން ވިލާގެ ސަޕޯޓަރުންނަށްވަނީ އޭނާ ކްލަބްގައި މަޑުކުރާކަން ހާމަކޮށްފައެވެ.

މި މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސޫޗެކްއަށްވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މުބާރާތުގައި ނޮޓިންހަމް ފޮރެސްޓް އާއި މޯންމޯތު ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މި މެޗުގެ ނަތީޖާއަށްވުރެ ބޮޑަށް ފާހަގަ ވެގެންދިޔައީ ފޮރެސްޓްގެ 23 އަހަރުގެ ޒުވާން މިޑްފީލްޑާ ޑެނީލޯގެ ވައަތު ފައި ކުޑަހުޅާ ދިމާލުން ބިންދައިގެން ދިޔަދިއުމެވެ.

އޭނާއަށް މިއަނިޔާ ވެފައިވަނީ މެޗުގެ ހަވަނަ މިނެޓުގައި ބޯންމޯތުގެ އެންޓޮއިން ސެމެންޔޯ އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ. މިއާއެކު އޭނާއަށް ދަނޑު މަތީގާ ނުވަވަނަ މިނެޓު ވަންދެން ފަރުވާ ދެވުނެވެ. މިމެޗުގައި ފޮރެސްޓުން ކާމިޔާބު ކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 23ވަނަ މިނެޓުގައި ކްރިސް ވުޑްއެވެ. އަދި ބޯންމޯތުން އެއްވަރު ކޮށްފައިވަނީ މެޗު ނިމެން ހަތަރުވަނަ މިނެޓަށް ވެފައިވަނިކޮށް ސެމެންޔޯއެވެ.

މެޗަށްފަހު ފޮރެސްޓްގެ ކޯޗު ނޫނޯ އެސްޕިިރިޓޯ ސަންޓޯވަނީ ޑެނީލޯގެ ފަޔަށް ލިބިފައިވާ އަނިޔާ ޔަގީން ކޮށްދީފައެވެ. އަދި އަނިޔާ ސީރިއަސްކަމުގައިވެސް އޭނާ ހާމަކުރިއެވެ.