އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އާއި ގެނޯއާ ބައްދަލުކުރި އާސިޒަންގެ ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ.

ޖެނޯއާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ.

ނަމަވެސް މިއާއެކު ވެސް މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޖެނޯއާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޖެނޯއާއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ އަލޭސަންޑްރޯ ވޮގްލިއާކޯއެވެ.

މިދިޔަ ސީޒަން ތާވަލްގެ 11 ވަނައިގާ އޮވެގެން ނިންމާލި ޖެނޯއާއަށް މިޅިޑު ދެމެހެއްޓޭ ވަރުވީ 10 މިނެޓު ވަންދެނެވެ. މިގޮތުން އިންޓާއިންވަނީ މެޗުގެ 30 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ މާކަސް ތުރާމެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނދު ޖަހާނެ އިތުރު ފުރުސަތު ލިބިގެން ދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ފެނިގެންދިޔައީ ދެޓީމުގެ ފަރާތުން ވަރަށް އެއް ގޮތް ކުޅުމެކެވެ. މިގޮތުން އިންޓާއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނު އިރު ޖެނޯއާ ފެނިގެންދިޔައީ ދިފާއު ކުރުމަށް އިސްކަން ދިނުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

ފުރަތަމަ ހާފުގައި ފެނިގެންދިޔަ ދެ ލަނޑާއެކު އިތުރު ލަނޑެއް ނުފެނި ގިނައިރު ވަމުންދިއުމާއެކު މި މެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ހީވާން ފެނިތާ މާގިނަ އިރު ތަކެއް ނުވެ ތުރާމް ވަނީ މެޗުގެ 82 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މިމެޗުގައި ފުރަތަމަ ފަހަރަށް އިންޓާ އަށް ލީޑު ނަގައިދީފައެވެ.

މި ލަނޑައެކު މިމެޗުން އިންޓާ މޮލޫވެ އާ ސީޒަންވެސް ކާމިޔާބީއަކާ އެކު ފެށީކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް ޖެނޯއާއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޖޫނިއާ މެސިއާސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެންމެ ފަހު ވަގުތު އެއްވަރު ކުރުމެވެ. މިއާއެކު މި މެޗު ނިމިގެންދިޔައީ ދެ ޓީމު އެއްވަރު ވެގެންނެވެ.

މި މެޗުގެ އިތުރުން ފިއޮރެންޓީނާ އާއި ގިނަ އަހަރު ތަކަކަށްފަހު ސެރީއާއަށް ޕްރޮމޯޓްވި ޕާމާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ޕާމާގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ ވެސް ޕާމާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެނިސް މާންއެވެ.

އަދި ފިއޮރެންޓީނާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 75 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ބިރާގީ ޖަހާދިން ލަނޑުންނެވެ. މި މެޗުގެ 83ވަނަ މިނެޓުގައިވަނީ މި ސީޒަންގެ ފުރަތަމަ ރަތް ކާޑު ފިއޮރެންޓީނާގެ މަރިން ޕޮންގްރަޗިޗްއަށް ދައްކާފައެވެ.