އިންގްލިޝް ޕްރިމިއާ ލީގުގައި މިދިޔަ ސީޒަން ދެވަނައިގާ އޮވެގެން ނިންމާލި އާސެނަލް އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލްއިން މިލީގު ކާމިޔާބުކަމާއެކު ފަށައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. މިމެޗުގައި އާސެނަލްގެ ފަރާތުން އެޓީމުގެ އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް މެޗު ފެށުނީއްސުރެ ކޮންޓްރޯލް ކުރަމުން ގޮސްފައިވަނީ އާސެނަލް އިންނެވެ.

މިގޮތުން މެޗުގެ 25 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އާސެނަލްގެ ބުކާޔޯ ސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކައި ހަވާޓްސްވަނީ ލަނޑެއް ޖަހާ އާސެނަލްއަށް ލީޑު ނަގައިދީފައެވެ. މިހާފުގައި މީގެއިތުރުން ވެސް އާސެނަލް އާއި ވުލްވްސްއަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބި ބޭކާރު ވެފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ހާފާ ހިލާފަށް ވުލްވްސްއިން އެޓީމުގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. ވުލްވްސްއިން މިހާފުގައިވަނީ މިދިޔަ ސީޒަންގެ އެންމެ ވަރުގަދަ ޑިފެންސްގެ ގޮތުގައި ފާހަގަ ކުރެވުނު އާސެނަލްގެ ޑިފެންސް ހާސްކޮށްލާފައެވެ. މި ހާސް ކަމުގައި ކުޅެމުން ދަނިކޮށް އާސެނަލްއަށް ހަމަޖެހުން ލިބުނީ މެޗުގެ 74 ވަނަ މިނެޓގައި ހަވާޓާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާކާ ލަނޑެއް ޖަހާ އާސެނަލްގެ ލީޑު ފުޅާކުރުމުންނެވެ. މިމެޗުގައި ވުލްވްސްއަށް ލަނޑު ޖެހުމަށް ލިބުން ރަނގަޅު ދެ ފުރުސަތު ވަނީ އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާ ދިފާއު ކޮށްފައެވެ.

މި ކާމިޔާބީއާއެކު އާސެނަލް އިން އެޓީމުގެ ފެށުން ރަނގަޅު ކޮށްފައިވާއިރު އެވަޓަން އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު ރަށުން ބޭރުގައި ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ބްރައިޓަން އެވެ.

މިމެޗުގައި ބްރައިޓަންގެ ތިން ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ކައޯރޫ މިޓޯމާ، ޑެނީ ވެލްބެކް އަދި ސައިމަން އަޑިންގްރާއެވެ. މިމެޗުގައި އެވަޓަންގެ އޭޝްލީ ޔަންގްއަށް ވަނީ ދެވަނަ ހާފުގައި ރަތް ކާޑެއްވެސް ދައްކާފައެވެ.