17 Aug 2024, 23:18
އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި އަލަށް ޕްރޮމޯޓްވި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން ފެށުން ރަނގަޅު ކޮށްފިއެވެ.
އިޕްސްވިޗްގެ ދަނޑުގައި ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ލިވަޕޫލުން އުފެއްދި ނަމަވެސް މިމެޗުވީ އެޓީމުން ހީކުރި ވަރަށް ވުރެ އުނދަގޫ މެޗަކަށެވެ.
ފުރަތަމަ ހާފުގައި އިޕްސްވިޗްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލިވަޕޫލަށް އުނދަގޫ ހާފަކަށް އެހާފު ހަދައިފައެވެ. މިހާފުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ގޮސްފައި ވަނީވެސް އިޕްސްވިޗްއެވެ. މިގޮތުން އެޓީމުގެ ޖޭކޮބް ގްރީވެސް އާއި އޮމަރު ހަޗިންސަން އެޓީމަށް ލީޑު ނަގައިދޭނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެގެންދިޔަ ތަން ފެނިގެންދިޔައެވެ.
މިމެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުގެ ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާ އަކަށްވީ މެޗުގެ 60 ވަނަ މިނެޓުގައި ޑިއޮގޯ ޖޮޓާ ޖަހާދިން ލަނޑާއެކު މިމެޗުގެ ލީޑު ލިވަޕޫލްއިން ނެގުމެވެ. އަދި ފުރަތަމަ ލަނޑު ޖަހާދިނުމަށް އެހީތެރިވެދިން މުހަންމަދު ސަލާހް ވަނީ އޭގެ ފަސް މިނެޓް ފަހުން ލަނޑެއް ޖަހާ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ސީޒަންގެ ފުރަތަމަ މެޗުގައި ސަލާހް ލަނޑު ޖެހި ނުވަވަނަ ސީޒަނެވެ. މިއީ ޕްރިމިއާ ލީގުގައި އާ ރިކޯޑެކެވެ.
ބާވީސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގައި ވާދަކުރާ އިޕްސްވިޗަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑެއް ޖެހޭތޯ އެޓީމުން ވަރަށް މަސައްކަތް ކޮށް ހިތްވަރު ގަދަ ކުޅުމެއް ދެއްކި ތަން ފެނުނެވެ. މިއީ އަމިއްލަ ދަނޑުގައި ވޭތިވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޕްސްވިޗް ބަލިވި ފުރަތަމަ ފަހަރެވެ.
މިމެޗުގެ އިތުރުން ނިއުކާސްލް ޔުނައިޓެޑާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނިއުކާސްލްއެވެ. އެޓީމުގެ ދަނޑުގައި ކުޅުނު މިމެޗުގައި ނިއުކާސްލްގެ ހަމައެކަނި ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ޖޯލިންޓަން ޖަހާދިން އިރު މިމެޗުގައި ވަނީ ސީޒަންގެ ފުރަތަމަ ރަތް ކާޑުވެސް ދައްކާފައެވެ. މިގޮތުން ނިއުކާސްލްގެ ފަބިއަން ޝާއަށް ވަނީ މެޗުގެ 28 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާފައެވެ.