ހުޅުމާލޭގެ ސްޕާއެއްގައި އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގދ. ތިނަދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަލީ ޝައްމާހު ވަހީދު ކަމަށެވެ.

ފުލުހުން މިއަދު މެންދުރު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ބިރުދައްކައި، ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ މައްސަލަތައް ވެސް މާލެ ސަރަހައްދުގައި ވަނީ އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2620 މައްސަލަ ހުށަހަޅައިފައިވެއެވެ. އަދި މާރާމާރީގެ 425 މައްސަލަ ވެސް ހުށަހަޅައިފައިވެއެވެ.