"ފަތުޙީ އެހެން އަންހެނުންނާ ގުޅުން ބާއްވާ…"

އިޝްފާން ބުނެލި ވާހަކައަކުން ސަވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިވުނު އަޑު އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ.

"އަހަރެންގެ ލޮލުން ދެކުނިން……" އަނެއްކާވެސް އިޝްފާން ބުނެލިއެވެ.

"އިޝްފާން! ކީކޭ ތި ކިޔަނީ؟" ސަވާއަށް ބުނެވުނެވެ. ބައްޕަގެ ކިތަންމެ ނޭދޭވޭ ސިފަތަކެއް ހުރިނަމަވެސް، އެފަދަ ވިޔާނުދާ ކަމެއް ކޮށްފާނެކަމަކަށް ފަހަރެއްގައިވެސް ސަވާގެ ސިކުނޑިއަށް ވިސްނިފައި ނެތެވެ. ބައްޕަ މަންމައަށް ވަގުތު ނުދިނުމުގެ ސަބަބަކީ އެއީ ހެއްޔެވެ؟ އެހެން އަންހެނަކާ ގުޅުން ބާއްވަންވީ ކީއްވެހެއްޔެވެ؟ މަންމައާއި ބައްޕަގެ ގުޅުން އެހާ ހީނަރުވެފައިވީ ނަމަވެސް، ބައްޕަ އެފަދަ ވިޔާނުދާ އަމަލެއް ކޮށްފާނެހެއްޔެވެ؟ ސަވާގެ ސިކުނޑީގައި ބުރުޖަހަމުން ދިޔަ ޚިޔާލުތަކުން އޭނާގެ ސިކުނޑި ބަރުވަމުން ދިޔައެވެ.

"މިކަން މަންމައަކަށް ވެސް ނޭނގޭނެ." އިޝްފާން ބުނެލިއެވެ.

"ފެނުނުތަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ސަވާ އެހެން އަހާލިއިރު އޭނާގެ އަޑު މަޑެވެ.

"ހޫމް…" އިޝްފާން ސަވާއާ ހަތަރުކަޅި ހަމަކޮށްލާފައި ދުރުބަލާލިއެވެ. "އަހަރެން ކުޑައިރު…"

"މިހާރުވެސްތަ؟" ސަވާއަށް އަނެއްކާވެސް އަހާލެވުނެވެ.

"މަންޒަރު ލޮލަށް ނުފެނުނަސް މިހާރުވެސް ގުޅުން ބާއްވާކަށް އަހަންނަށް ޔަޤީން. އޭނަ އަހަރެން ޖަލަށްލީ މައިގަނޑު ސަބަބަކީވެސް އެއީ… އަހަންނަށް އެ ސިއްރު އެނގޭތީ… " އެހެން ބުނެލާފައި އިޝްފާން ސަވާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އިޝްފާންގެ ހިތުގައި ފަތުޙީއާ މެދު ވާ ނަފްރަތާއި ރުޅިވެރިކަމުގެ ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވަނީ ހަމައެކަނި ވަގުތު ނުދިނުން ނޫންކަން ސަވާއަށް ފަހުމްވުމާއެކު، އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ކުޑައިރު އިޝްފާންއަށް ފެނުނު މަންޒަރުން އޭނާއަށް ކޮށްފައިވާ އަސަރުވެސް ސަވާއަށް އަންދާޒާކޮށްލެވުނެވެ. އަދި މިއަދާ ހިސާބަށް އެ ސިއްރު ހިތުތެރޭގައި ރައްކާކޮށްފައި ބޭއްވުމުގެ ސަބަބުން އިޝްފާންގެ ހިތުގައިވި ގިލަންވެރިކަމުން އޭނާއަށް އައިސްފައިވާ ބަދަލުތަކާ މެދުވެސް ސަވާއަށް ވިސްނާލެވުނެވެ. އެ ހުރިހާކަމަކާއި އެކަނި މާއެކަނި ކުރިމަތިލި އިޝްފާންއަށްޓަކައި އޭނާގެ ހިތުގައި ރިއްސާލިއެވެ.

"އަހަރެން ބޭނުން މުޅި ދުނިޔެއަށް ފަތުޙީ ބޭޒާރުކޮށްލަން. އެކަމަކު މަންމައާ ދޭތެރޭ ވިސްނާލާފަ ފަސްޖެހެވެނީ… މަންމައަށް ކުރާނެ އަސަރަކާ ދޭތެރޭ ވިސްނެނީ…" އިޝްފާންގެ ވާހަކަތަކުން އޭނާގެ ހިތުގައި މަދީހާއާ މެދު ލޯބިވާކަން ސަވާއަށް ފަހުމްވުމާއެކު، އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އިޝްފާން މަންމައާ ދޭތެރޭ ބަހައްޓާ ހަރުކަށިކަމުގެ ފަހަތުގައި ލޯބިވާކަން އެނގި ސަވާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އޭނާ އިޝްފާންއާ މެދު ފަޚުރުވެރިވިއެވެ. ބޭރުފުށުން ނުދެއްކި ނަމަވެސް، އިޝްފާންގެ ހިތުގައި އޯގާތެރިކަމާއި، ލޯތްބާއި، ކުލުނު އެބަ ވެޔެވެ.

"އޭރުއްސުރެ މިއަދާ ހަމައަށް އެސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައިގެން އިޝްފާން މަންމަގެ ހިތް ހަލާކުވުން ހުއްޓުވީ… އެކަމަކު ބައްޕަގެ އެ ހަޤީގަތް މަންމައަށް އެނގެން ޖެހޭނެއެއްނު. އަނެއްކާ… މިބުނީ…. އިނދެގެންތަ އުޅެނީ؟" ސަވާގެ ހިތަށް ވެރިވި ސުވާލު އޭނާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތެވެ.

"ނޭނގެ. ހިޔެއްނުވޭ…. ފަތުޙީގެ ވާހަކަތައް ހުރި ގޮތުން އިނދެގެން އުޅޭހެން ހިޔެއް ނުވޭ. އިނދެގެން އުޅެންޏާ އެހާ ވަރުން ސިއްރުކުރާކަށް ނޫޅޭނެއެއްނު." އިޝްފާން އޭނާއަށް ފެންނަ ގޮތް ހާމަކޮށްލިއެވެ. ބުނާނެ އެއްޗެއް ނޭނގުނު ސަވާ ފުންނޭވާއެއް ދޫކޮށްލީ އެތެރެހަށީގައި އުފެދުނު އުދާސްތައް ބޭރުކޮށްލަން ބޭނުންވެފައިވީ ފަދަ ގޮތަކަށެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް، ލިބުނު ސިހުމުގައި ނަފްސަށް ލިބުނު ގުޑުން ފިލައިގެނެއް ނުދިޔައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ހިތަކަށް ސިހުން ލިބޭ ޙާލަތުގައި އެ ހިތް ހަމައަކަށް އެޅުވުމަކީ އުނދަގޫކަމެކެވެ. އަދި ޚާއްސަކޮށް ތިމާގެ ޙަޔާތާ ގުޅިފައިވާ މީހެއްނަމަ ނަފްސު ހަމައަކަށް އަޅުވަން އުނދަގޫވެއެވެ. ހިތަކަށް ކުރިމަތިވާ ގިލަންވެރިކަން މުޅި ނަފްސަށް އަސަރުކުރަށް އެހާ ފަސޭހަވަނީވެސް އެހެންވެގެންނެވެ.

"ބައްޕައަކީ ކޮން ކަހަލަ މީހެއްތަ؟ ކުޑައިރުއްސުރެ މިއަދާ ޖެހެންދެން ބައްޕަގެ ދެ ދަރިންނަށް ލޯބި ނުދެވުނު. އެންމެ ބޭނުންވި ދުވަހުވެސް އެ ލޯބިން މަހުރޫމްވި. އަމިއްލަ ދަރި ނުބައި މީހެއްގެ ވަކިތަކުގެ ދަށުގައި ހައްޔަރުވުމުންވެސް މުހިންމުވީ އެމީހާއާ އަމިއްލަ އިއްޒަތާ އަބުރާ… ބޭނުންވީ އެ ހުރިހާކަމެއް……. އެ ހުރިހާކަމެއް މުޅި ދުނިޔެއަށް ސިއްރުކުރަން." ހިތުގައި އުފެދުނު ވޭންތަކާ ޝަކުވާތަކުގެ ކުރިމަތީގައި ސަވާގެ ނަފްސު ބަލިކަށިވެއްޖެއެވެ. ވާހަކަދައްކަން އުނދަގޫވެ ހުއްޓާލަން މަޖުބޫރުވީވެސް އެހެންވެގެންނެވެ.

"އަހަރެމެންމީ ފަތުޙީގެ ދަރިންނަށް ނުވިނަމަ…" މާޔޫސީ ރާގަކަށް އިޝްފާން ބުނެލިއެވެ. އޭނާއާ ސަވާއާ ދެމީހުން ފަތުޙީގެ ދަރީންނަށް ވުމަކީ އެމީހުންގެ ބަދުނަސީބުކަމެވެ.

"ދެން ތި ކަންތައް…" އިޝްފާންގެ އަތުގައި އޮތް ފައިލަށް ނަޒަރު ހުއްޓާލާފައި ސަވާ އަހާލިއެވެ.

"މި ހަޤީގަތް ފޮރުވަދީ. އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއް ނޫން." އިޝްފާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"އިޝްފާން ތި ބަލި ވަނީވެސް އެހެންވެގެން ދޯ… " ސަވާގެ ސުވާލަށް އިޝްފާން ބޯ ޖަހާލި އެވެ.

"ރޯގާގެ ފަހުން މި އުނދަގޫތައް ވާން ފެށީ. ބޭސް ބޭނުން ކުރިނަމަވެސް، ދިފާޢީ ނިޒާމުގައި ނެތް ބާރަކުން ކިހިނެއް ބަލި ފަސޭހަވާނީ…" ފައިލު އެނދުމަތީގައި ބާއްވަމުން އިޝްފާން ބުނެލިއެވެ.

"ކޮން އިރަކު އިޝްފާންއަށް ތިކަންތައް އެނގުނީ؟" ސަވާ އޭނާގެ ހިތުގައިވާ ސުވާލުތަކުން ފަހަރަކު ސުވާލެއް އިޝްފާންއާ ކުރަމުން ދިޔައިރު، އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

"ޖަލުގައި ހުރިއިރު...، އެއްފަހަރެއްގެ ބަލިވެގެން ޑޮކްޓަރަށް ދެއްކީމަ ހުރިހާ ޓެސްޓެއް ހެދިއިރު…." އިޝްފާން އިސްޖަހާލިއެވެ. އިތުރަށް އެ ވާހަކަ ދައްކާނެ ހިތްވަރު އޭނާގެ ނެތްފަދައެވެ. ސަވާއާ ހަތަރުކަޅި ހަމަކޮށްލަން ވެސް އިޝްފާން ލަދުގަނެފައިވާ ފަދައެވެ. ސަވާގެ ލޮލުން ކަރުނަތައް ފައިބަން ފެށުމުން، އަތުގެ ނުފުށުން ކަރުނަ ފުހެލުމާއެކު، އޭނާ މަތިބަލާލީ އިތުރަށް ނުރޯން ހިތްވަރުކުރަމުންނެވެ. ތުންފަތުގައި ދަތް އަޅާލަމުން އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްކުރަން އޭނާ މަސައްކަތްކުރިއެވެ.

"ދެން ކީއްވެ އަދިވެސް ޑްރަގް ބޭނުންކުރަނީ؟ ކީއްވެ ތިކަމާ ދުރުނުވަނީ… އެ އެއްޗެހި ބޭނުންކުރީމަ އިޝްފާން އިތުރަށް ބައްޔެއްނު ވާނީ…" ސަވާގެ އަޑުގައި ކަންބޮޑުވުން ވެއެވެ.

"އަހަންނަށް ނުހުއްޓުނީ… ހުއްޓަން ބޭނުންނުވީކީވެސް ނޫން. އެކަން އެނގުމުން އެ ލިބުނު ހިތާމަތަކުން އަރައިގަތުމަށް، އެ ނޫން މަގެއް އަހަންނަށް ނުފެނުނީ. ޑްރަގްގެ ސަބަބުން އެ ހަނދާންތައް ވަގުތުކޮޅަކަށް ވެސް ފިލާތީ އެ ބޭނުންކުރެވުނީ." އިޝްފާން އެހެން ބުނެލީވެސް އިސްޖަހާލައިގެން އިނދެއެވެ. ހީވަނީ ލަދުވެތިކަމުގެ ވާގަނޑަކުން އޭނާ ބަނދެލާފައިވާހެންނެވެ.

"އިޝްފާން ބޭނުންވޭތަ ހުއްޓަން. އެއީ ނުކުރެވޭނެކަމެއް ނޫނޭ. ކުޑަ ކުޑަ ހިތްވަރެއް ކޮށްލައިގެން ތިކަން ހުއްޓާލެވިދާނެ." ސަވާ ނަސޭޙަތްތެރިވިއެވެ. ކަށީގައި ހިފާފައި ހުންނަ ނުބައި އާދައެއް ހުއްޓާލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، އެއީ ނުކުރެވޭނެކަމެއް ނޫނެވެ. ބޭނުންވަނީ ހިތްވަރާ އަޒުމެކެވެ. ދިމާވާ ގޮންޖެހުންތަކާ އެކުވެސް ކުރިއަށް ދިޔުމެވެ. ތެދުވެރިކަމާއެކު، ތަޤުވާވެރިވެ ކުރާ ދުޢާއެވެ. ތިމާ ކުރަނީ އިޚްލާސްތެރި މަސައްކަތެއްނަމަ މާތް ﷲވެސް އެމީހަކަށް އެކަމެއް ހިންމަވާދެއްވާނެއެވެ. އެކަލާނގެ އިރާދުކުރައްވައިފި މީހަަކަށް އެކަމުގެ މަގު ތަނަވަސް ކުރައްވަވާނެއެވެ. ދުޢާ އަކީ މުސްލިމުންގެ އަތްތަކުގައިވާ އެންމެ ބާރުގަދަ ހަތިޔާރެވެ.

"އަހަރެން މަސައްކަތްކުރާނަން. އިރާދުކުރެއްވިއްޔާ މިކަން ހުއްޓަންވެސް ހުއްޓާނަން. އެކަމަކު އަހަންނަށް އަހަރެންގެ ޙަޔާތުން ޒައިނާއަކަށް ފުރުސަތެއް ނުދެވޭނެ." ފަހު ޖުމްލަ ބުނެލިއިރު، އިޝްފާން ސަވާއަށް ބަލާލިއެވެ. އޭރު އޭނާގެ ދެލޮލުގައިވި ވޭނީ އަސަރާއި އެމޫނުމަތީގައިވި މަޑުމޮޅިކަން ސަވާއަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އިޝްފާންގެ މާޔޫސްވެފައިވާ ނަޒަރުފެނި އޭނާގެ ހިތަށް ވެސް އަސަރުކުރިއެވެ.

"އިޝްފާން… އައި އެމް ސޮރީ… ދޮންތައަކަށް ނޭނގެ މި ހުރިހާ ދުވަހު އިޝްފާން ގޯތްރޫ ކުރި ކަންތައްތަކެއް." ޙަޔާތުގައި މާޔޫސްކަމާއި ކުރިމަތިލާން ޖެހުނީ ހަމައެކަނި އޭނަ ނޫންކަމާއި އިޝްފާންވެސް އެވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައިކަން އެނގުމުން ސަވާ އިތުރަށް ހިތުގައި ޖެހޭ ގޮތްވިއެވެ.

"އަހަރެންގެ ކައިރިން މާފަށް އެދޭކަށް ދޮންތަ ނުޖެހޭނެ." އިޝްފާން، ސަވާއަށް ބަލާލާފައި ބޯ ޖަހާލިއެވެ. އެއަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

މިއަދު ހަވީރު ވީ ކަންތަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވި ނަމަވެސް، ސަވާ އެ ޚިޔާލު ދޫކޮށްލީ އިޝާ ނަމާދު ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

"ބަންގި ގޮވީ… ނަމާދުކޮށްލާ! ޔޫ ވިލް ފައިންޑް ޕީސް… ހިތަށް ހަމަޖެހުން ލިބޭނެ. ހިތަށް ދެވޭނެ އެއަށްވުރެ މޮޅު ފަރުވާއެއް ވެސް ނޯންނާނެ!." ސަވާ ހިނިތުންވެލާފައި ތެދުވެލިއެވެ. އެއަށްފަހު އޭނާ ކޮޓަރިން ނުކުމެލިއެވެ. އިޝްފާން އިރުކޮޅަކު ވިސްނަން އިން ފަދައަކުން އިނުމަށްފަހު، ތެދުވެ ފާޚާނާއަށް ވަނެވެ. ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް ހުއްޓުނުއިރު، އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި، އޭނާ ނަމާދުކުރީ ކިތަށް ފަހަރުވެއްހެޔެވެ؟ ޖަލުގައި އުޅުނުއިރު، މަޖުބޫރުވެގެން ނަމާދުކުރިއެއްކަމަކު ކުރީ ނަމެއްގައެވެ. ނުކިޔަ ނުކިޔާ ނަމާދުކުރާ ތަކެތިވެސް އޭނާ ހަނދާނަކު ނެތެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށީ ދެނެވެ. ހެއްދެވި ފަރާތަށް ސަޖިދައެއް ޖެހި ދުވަހެއް އޭނާގެ ހަނދާނަކު ނެތެވެ. އިޝްފާން ނަމާދުކުރަން ފެށިއެވެ. ދެލޮލުން ހޯސްލާފައި ފޭބި ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގުދެމިގެންދާން އޭނާ ފުރުސަތު ދިނެވެ. ސަޖިދަޔަށް ބޯ ތިރިކޮށްލުމާއެކު، މުޅި މީހާ ތުރުތުރު އަޅައިގެން ދިޔައީ ކީއްވެގެންކަން ބުނާކަށް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ.

ނަމާދުކޮށް ނިމިގެން ވެސް ސަޖިދައިގައި އޮވެވުނީ ކިހާ އިރަކު ކަމެއް އިޝްފާންއަކަށް ނޭނގުނެވެ. އެހެންނަމަވެސް ހިތުން ބޮޑު ބަރުކަމެއް ނަގާ އެއްލާލެވުނު ފަދަ އިޙްސާސްއެއް އިޝްފާންއަށް ކުރެވުނެވެ. ހިތަށް ހަޤީޤީ ހަމަޖެހުން ލިބެނީ ކިހިނެއްކަން އޭނާއަށް އެނގިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ނުތަނަވަސްވެފައިވާ ހިތަށް އަދަޔާ ޚިލާފް ދިރުމެއް ލިބުނުހެން އޭނާއަށް ހީވިއެވެ.

އިޝާނަމާދުކޮށްލައިގެން ބޭރު ޖޯއްޔަށް ނުކުމެލި ޒައިނާ އުޑުމައްޗަށް ބަލާލިއެވެ. ވާރޭ ނުވެހުނެއްކަމަކު އުޑުމަތީގައި ވިލާ ބޯކަމުން ތަރިއެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުގެ ފިނިކަމެއް ހިފާލާފައިވެއެވެ. ބަނޑުމަތީގައި އަތް ބާއްވާލައިގެން އޮތްއިރު، އިޝްފާން ނޫން ޚިޔާލެއް އޭނާގެ ނެތެވެ.

"ޒައިނާ… އާދޭ ބަތް ކާން." ސިހުން ލިބުނީ ދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން ސަވާ ގޮވާލުމުންނެވެ.

"ނޫން. މި ގަޑީގައި ނުކާނަން…" ޒައިނާ ކާހިތެއް ނެތެެވެ. ޚިޔާލުތަކުން ފުނިޖެހިފައިވި ސިކުނޑިވެސް ހީވަނީ ފަޅައިގެން ހިނގާދާނެހެންނެވެ. އެހާލަތުގައި އޭނާގެ އަރުތެރެއިން އެއްޗެއް ދިރޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ ޒައިނާގެ ޙާލު އެނގޭތީ ސަވާ ނުކުމެ ޖެހިގެން ހުރި ޖޯލީގައި އިށީނދެލިއެވެ.

"އަހަންނަށް އެނގޭ ޒައިނާގެ ހިތުގައި އިޝްފާންއާ މެދު އިޙްސާސްތަކެއްވާކަން." ހުރިހާކަމެއް އޭނާއަށް އެނގޭކަން ސަވާ ހާމަކޮށްލުމާއެކު، ޒައިނާ އިސްޖަހާލީ ސަވާއާ ކުރިމަތިލާނެހާ ހިތްވަރު ނެތް ފަދައަކުންނެވެ. ހަޤީގަތުގައި އޭނާ ލަދުވެސް ގަނެއްޖެއެވެ.

"ސޮރީ…" ބުނާނެ އެއްޗެއް ޒައިނާއަކަށް ނޭނގުނެވެ. މާފަށް އެދެވުނީ ކީއްވެގެންކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ހީވީ ސިކުނޑި ހުސްކަމެއްގެ ތެރެއަށް ދިޔުމުން ބުނެވުނު އެއްޗެއް ހެންނެވެ.

"ކޮންކަމަކަށް؟ މީހަކު ދެކެ ލޯބިވުމަކީ މާފަށް އެދެން ޖެހޭ ކަމެއް ތަ؟ ނޫނެއްނު… އެކަމަކު…." އެހިސާބަށް ބުނެފައި ސަވާ މަޑުޖެހިލިއެވެ. ހީވީ ޒައިނާގެ ފުރިހަމަ ސަމާލުކަން ބޭނުންވީ ހެންނެވެ. ޒައިނާ ސަވާއަށް ބަލާލުމާއެކު އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އިޝްފާން ޒައިނާއަށް އެ ފުރުސަތު ދޭން ބޭނުންނުވަނީ ބޮޑު ސަބަބެއް އޮތީމަ ކަމަށްވެސް ވެދާނެއެއްނު." ސަވާ ބުނެލިއެވެ.

"އިޝްފާން މީހަކު މަރާލީމަތަ؟" އޭނާއަށް ދޭހަވި ގޮތަށް ޒައިނާ ބުނެލިއެވެ.

"ކާކު ބުނީ؟" ސަވާއަށް ހައިރާންކަން ވެރިވިއެވެ.

"އިޝްފާން...މިއަދު… " ޒައިނާ އެހެން ބުނުމުން މިއަދު ހަވީރު އެ ދެމެދުގައި ދެކެވުނު ވާހަކަތައް ސަވާއަށް ދޭހަވާކަށް ގިނަ އިރުތަކެއް ނުނެގިއެވެ. ޒައިނާ އިތުރު އެއްޗެއް ނުބުނި ނަމަވެސް، ހުރިހާކަމެއް ސަވާއަށް އޮޅުން ފިލައިފިއެވެ. އަދި އިޝްފާން އެހެން ބުނި ސަބަބުވެސް އެނގިއްޖެއެވެ.

"އިޝްފާންއަށް ވުރެ ރަނގަޅު ކުދިން ޒައިނާއަށް ލިބޭނެ." ސަވާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. ޒައިނާއަށް ހިތްވަރު ދޭން ބުނާނެ އެއްޗެއް އޭނާގެ ދުލު ކުރިއަކަށް ނަޔެވެ. ސަވާގެ ވާހަކަތަކުން ޒައިނާގެ ހިތް އިތުރަށް ޒަޚަމްވުން ނޫންކަމެއް ނުވިއެވެ. އޭނާ އިސްޖަހާލީ އެހެންވެގެންނެވެ. ސަވާއަށް ވެސް އިތުރަށް އެތަނުގައި އިންނާނެ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން އޭނާ އެތަނުން ދިޔައީއެވެ.

އެނދުގައި އޮށޯވެ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް އިޝްފާން ސިހުނީ އަނެއްކާވެސް ސަވާ އައިސް އޭނާއަށް ގޮވާލުމުންނެވެ. ތެދުވެ އިށީނދެލުމާއެކު، ސަވާ ވާހަކަ ދެއްކިއެވެ.

"ޝީ ރިއަލީ ލަވްސް ޔޫ…" ސަވާ ބުނެލިއެވެ.

"އައި ކާންޓް…" އިޝްފާންގެ އަޑުން މާޔޫސްކަން ފިލައިނުދެއެވެ.

" ޒައިނާ .…" ސަވާގެ ވާހަކަ ހުއްޓުނީ އިޝްފާން އޭނާއަށް ބަލާލި ގޮތުންނެވެ.

"އިޓްސް އެއިޑްސް އޭ ދޮންތާ… އެއިޑްސް…ކިހިނެއް އަހަރެން އޭނައާ މެރީ ކުރާނީ… އައި ނޯ ޕްރިކޯޝަންސްތައް ހުންނާނެކަން. އެކަމަކު ސަތޭކަ ޕަސެންޓް ޔަޤީންކަމެއް ނޯންނާނެ." އިޝްފާންއަށް ބުނެވުނެވެ. ހީވަނީ ސަވާއަށް ވުރެ ބޮޑަށް އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅޭ ހެންނެވެ.

"އެއިޑްސް…." އިޝްފާންގެ އަޑު މަޑުވިއެވެ.

(ނުނިމޭ)