ރިހެބިލިޓޭޝަންގެ ނިޒާމު ހަރުދަނާ ކުރަން ބަޖެޓުގައި އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ، ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ކާމިޔާބުކަމާއެކު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ މީހުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގު ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިންއެވެ. މި ހަފުލާގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމާއ،ި ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި އިތުރު ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.

ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ކާމިޔާބުކަމާއެކު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ މީހުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގު ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފުލާގެ ތެރެއިން --

ހަފްލާގައި ވާހަކަ ދައްކަވަމުން ލުބުނާ ވިދާޅުވީ، ރިހެބިލިޓޭޝަން ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރައްވާފައިވާ ކަމަށާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި މިކަމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ނިންމާފައިވާ ކަމަށެވެ. އަދި މަަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިންގޭ ފަރުވާގެ ޕްރޮގްރާމުތައް ނިންމައި މުޖުތަމައަށް ނުކުންނަ މީހުންނަށް ވަޒީފާ
ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި ހަފުލާގައި ޑްރަގް ކޯޓުގެ އިސްގާޒީ އަބްދުއްސައްތާރު އަބްދުލްހަމީދު ދެއްކެވި
ވާހަކަފުޅުގައ،ި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކުން އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތަކީ ފަސޭހަ ކަމެއް ނޫން ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ހުރަސްކޮށް މުޖުތަމައަށް ފަރާތްތަކަށް ހުރިހާ ފަރާތަކުން ވެސް ހިތްވަރު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު، ޑްރަގް ކޯޓުން ވަނީ 586 މީހެއްގެ މައްޗަށް ފަރުވާއަށް އަމުރުކޮށްފައިވެއެވެ. ނަމަވެސް، ފަރުވާ ފުރިހަމަކޮށްފައި ވަނީ އޭގެތެރެއިން 419 ފަރާތެކެވެ. ފަރުވާގެ އަމުރާ ޚިލާފުވެގެން، މިދިޔަ އަހަރު 173 ފަރާތެއް ވަނީ ފަރުވާއިން ވަކިކޮށް، ހުކުމު ތަންފީޒު ކުރުމަށް އަމުރުކޮށްފައެވެ.

ފަރުވާ ފުރިހަމަ ކުރި މީހުންނަށް މި ހަފުލާގައި ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި މިދިޔަ އަހަރު ޑްރަގް ކޯޓުގެ ނަމޫނާ މުވައްޒަފަށާއި ހާޒިރީ އެންމެ ރަނގަޅު މުވައްޒަފަށް ވެސް މި ހަފުލާގައި އިނާމާއި ހަނދާނީ ހަވާލުކުރިއެވެ.

މީގެ އިތުރުން، ޑްްރަގް ކޯޓަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރައްވާ އާންމު ފަރާތެއް ކަމުގައިވާ އަލީ އަދީބަށް ވެސް މި ހަފުލާގައި ހަނދާނީ ފިލައެއް އެރުވުނެވެ.

ޑްރަގް ކޯޓުގެ މަސައްކަތްތައް އާންމުންނަށް އަންގައިދީ ހޭލުންތެރިކުރުވުމަށް ކޯޓުގެ ޔޫޓިއުބު ޗެނަލެއް ވެސް މި ޙަފުލާގައި ވަނީ އިފުތިތާހު ކޮށްފައެވެ.