17 Aug 2024, 18:48
މާލޭ ކެނެރީ މަގުގައި ހުންނަ މީހުން ދިރިނޫޅޭ ބާ އިމާރާތެއް ކަމަށްވާ މ. ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ރަބީއުވިލާގެއަކީ މީހުން ދިރިނުއުޅޭތާ ގިނަދުވަސް ވެފައިވާ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ އިމާރާތެކެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ރޭ ރަބީއުވިލާގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް، އެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، މޭ މަހުގެ 20ވަނަ ދުވަހު ވަނީ ހަމަ އެގެއިން މަރުވެފައި އޮތް މީހެއް ފެނިފައެވެ. މި ގެއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބޭނުންކުރި ފަޅު ގެއެކެވެ.

މ. ރަބީއުވިލާގެއަކީ މާލޭ ކެނެރީ މަގުގައި ހުންނަ މީހުން ދިރިނޫޅޭ ބާ އިމާރާތެއް ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ސަރުކާރުން ނިންމީ މަގުމަތީ ހިނގާބިނގާވެ، އުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކާ ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށުމަށެވެ.

މ. ރަބީއުވިލާގެ ތަޅާލުމުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު
މީގެ ކުރިން 2019ވަނަ އަހަރު ވެސް އޭރުގެ ސަރުކާރުން ވަނީ ބާވެ، ހަލާކުވުމުގެ ސަބަބުން އާންމުންނަށް ނުރައްކާވާނެކަމަށް ބެލެވޭ 11 ގެއެއް ތަޅާލުމުގެ މަސައްކަތް ފަށައިފައެވެ.
އެ ފަހަރު ބާވެ، ބަލިކަށިވެފައިވާ ކަމަށް ސަރުކާރުން ފާހަގަކޮށްފައިވާ އަމިއްލަ ފަރާތްތަކުގެ ގެތަކުގެ ތެރޭގައި ހިމެނެނީ:
ހ. ލޮބީ
- ހ. ތަންބީ
- ހ. އަސްފަރު
- މ. އާޝިޔާމަންޒިލް
- މ. ބުރަދަމާގެ
- މ. ކައުސަރް
- މއ. އެވާގްލޯރީ
- މއ. ކަނބާލިފަރު
- ހ. ހާޖަރާގެ
- ހ. ރުއްދޮށިގެ
- މ. ރަބީއުވިލާ އެވެ.