ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ސައުތު ގައުމުތަކާއި އެ ނޫން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިހެން ގޮވައިލެއްވީ އިންޑިއާ ސަރުކާރުން އޮންލައިންކޮށް މިއަދު ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ، ގްލޯބަލް ސައުތަށް ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާގެ ޖީ20ގެ ރިޔާސަތުން، ފެށި ހަރަކާތެކެވެ. މި ބައްދަލުވުމުގެ ޝިޢާރަކީ، "ޗާޓިން އަ ނިއު ޕެރެޑައިމް ފޯ ގްލޯބަލް ސައުތު"އެވެ.

ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގަންނަވައި ތަގުރީރު ކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މިނިސްޓަރު ޒަމީރުގެ ތަޤުރީރުގައި ވަނީ، މިދިޔަ އަހަރު ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާއިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފްކުރި މުހިންމު ހަރަކާތްތައް ފާހަގަކޮށް މަރުހަބާ ދަންނަވާފައެވެ.

އަދި، މި ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެމްބަރު ޤައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ޚާއްސަކޮށް ގްލޯބަލް ސައުތަށް ނިސްބަތްވާ ޤައުމުތަކަށް ލިބިގެން ދިޔަ މަންފާ ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

އެއަށްފަހު، ގްލޯބަލް ސައުތުގެ ޤައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި، ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯކްތަށް އަދާހަމަކޮށްގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގަންނަވައި ތަގުރީރު ކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ހަމަ އެއާއެކު، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، ގްލޯބަލް ސައުތު އާއި، މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތުކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެފަދަ ޤައުމުތަކުގެ ތަރައްޤީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އައު އީޖާދުތައް ހަމަހަމަ އުސޭލެއްގެ މަތިން ގްލޯބަލް ސައުތުގެ ޤައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރު ޒަމީރު ފާހަގަ ކުރައްވައިފައެވެ.

އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ސަމިޓު ވެސް އިފްތިތާހް ކޮށްދެއްވާފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ. ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރްއެވެ.

މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.