ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުން އިންގްލެންޑް ބަލިކޮށް ސެމީ ފައިނަލްގެ ފަހު ޖާގަ އިޓަލީއިން ހޯދައިފި އެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި، އިތުރަށް ކުޅުނު ދެ ހާފުގައި ވެސް ދެ ޓީމް ކުރެއް އެއް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެހެން ނަމަވެސް މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބުނުކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މެޗުގެ ކުރީ ކޮޅު އިޓަލީ އަށް ލިބުނު ރަނުގެ ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.

ރޭގެ ޕެނަލްޓީ ޝޫޓް އައުޓުގައި ފުރަތަމަ ޕެނަލްޓީ އިޓަލީގެ މާރިއޯ ބަލޮޓެލީ ކާމިޔާބު ކޮށްދިން އިރު، އިންގްލޭންޑުގެ ފުރަތަމަ ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސްޓީވަން ޖެރާޑެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި އިޓަލީގެ ދެ ވަނަ ޕެނަލްޓީ ރިކާޑޯ މޮންޓޮލީވޯ ގޯލުގެ ބޭރަށް ޖެހިއިރު އިންގްލެންޑުން ޖެހި ދެ ވަނަ ޕެނަލްޓީ ވޭން ރޫނީ ވަނީ ކާމިޔާބު ކޮށްފަ އެވެ.

ރޫނީގެ ޕެނަލްޓީއާ އެކު 2-1 ލަނޑުގެ ކުރީގައި އިންގްލޭންޑް އޮތް އިރު، އިޓަލީގެ ތިން ވަނަ ޕެނަލްޓީ ޖަހަން ދިޔަ އަންދްރޭ ޕިރްލޯ ވަނީ ކާމިޔާބުކޮށް އަލުން ނަތީޖާ 2-2 ލަނޑަށް ހަމަހަމަކޮށްފަ އެވެ. އެހެން ނަމަވެސް އިންގްލޭންޑުން ޖެހި އޭޓީމުގެ ތިން ވަނަ ޕެނަލްޓީ އޭޝްލީ ޔަންގް އަތުން ގޯލުގެ ހުރަސް ދަނޑިމަތީގައި ޖެހި ބޭކާރުވި އިރު، އިޓަލީގެ ހަތަރު ވަނަ ޕެނަލްޓީ އެންޓޯނިއޯ ނޮސެރީނޯ ވަނީ ކާމިޔާބު ކޮށްދީފަ އެވެ. އަދި އިންގްލެންޑުގެ އޭޝްލީ ކޯލް ޖެހި ޕެނަލްޓީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން މަތަކޮށް އިޓަލީއަށް މުބާރާތުގެ ސެމީއަށް ދިއުމުގެ ހިތް ވަރު އާކޮށްދިނެވެ. އަދި އިޓަލީ އަށް ސެމީފައިނަލް ކުޅުމުގެ ފުރިހަމަ ޔަގީން ކަން އެ ޓީމަށް ހޯދައިދިނީ ފަސް ވަނަ ޕެނަލްޓީ ޖަހަން ދިޔަ އެ ޓީމުގެ އަލްސެންދްރޯ ޑިއަމެންޓީ ކާމިޔާބު ކުރި ޕެނަލްޓީއިންނެވެ.

މުބާރާތުގެ ސެމީ ފައިނަލުން އިޓަލީ ރޭ ޖާގަ ހޯދި އިރު، ސެމީ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ނުކުންނާނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެ ގިނަފަހަރު ކާމިޔާބު ކޮށްފައިވާ ޖަރުމަނާ އެވެ. މިމެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ.

މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި ސްޕެއިނެވެ.