11:10


މަޖީދީމަގުގައި ހުންނަ ހ. ހީނާމާގޭ ގޯތީގައި އަމީން ކޮންސްޓްރަކްޝަން އިން ހަދާފައިވާ ލޭބާ ކުއާޓާޒް ރޫޅާލައި ވީއެންމެ އަވަހަކަށް އެ ތަން ހުސް ކުރުމަށް އަމީން ކޮންސްޓްރަކްޝަނަށް މާލޭ މުނިސިޕަލްޓީން އަންގައިފި އެވެ.


    ކުރީގެ ފިލްމު ސިނަމާ ހީނާމާގޭގައި ލޭބާ ކުއާޓަޒެއް ހެދުމަށް އަމީން ކޮންސްޓްރަކްޝަނަށް ދޫކޮށްފައި ވަނީ ސެޕްޓެމްބަރު 20، 2005ގަ އެވެ. އެއީ ހ. ވެލާނާގޭ ބިމުގައި ސަރުކާރުން އަޅާފައިވާ 14 ބުރީގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތަށް ބޭނުންވާ ލޭބަރުން ބައިތިއްބުމަށާއި ތަކެއްޗާއި މެޝިނަރީޒް ބެހެއްޓުމަށެވެ.


ވެލާނާގޭގެ މަސައްކަތް ނިމުމަށް ފަހު ވެސް ހީނާމާގޭގައި އަމީން ކޮންސްޓްރަކްޝަންގެ ލޭބާ ކުއާޓާޒް ހިންގަމުން ދާތީ ސުވާލު ދެންނެވުމުން މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކު މިއަދު ވިދާޅުވީ، ވެލާނާގެ ހުޅުވި ކަމުގައި ވިޔަސް އަމީން ކޮންސްޓްރަކްޝަން އިން ވެލާނާގޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތް އަދި ނިމިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ހީނާމާގެ ގޯތި ހުސް ކުރަން މިހާރު އަންގާފައިވާނެ ކަމަށެވެ.


    "ވީއެންމެ އަވަހަކަށް ހުސް ކުރުމަށް އެންގި ނަމަވެސް އެތައް ބައިވަރު ބިދޭސީންނާއި ތަކެއްޗާއި މެޝިނަރީޒް އެ ތަނުގައި އެބަ ގެންގުޅޭ. ހުސްކުރަން އަންގާއިރަށް ހުސް ކުރެވޭކަށް ވެސް ނޯންނެ،" އާދަމް މަނިކު ވިދާޅުވި އެވެ.


    އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑައިރެކްޓާ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ ވެލާނާގޭގެ މައްސައްތައް ކުރުމަށް ހީނާމާގޭގައި ހެދި ލޭބާ ކުއާޓާޒް ހުސްކޮށް ދިނުމަށް މުނިސިޕަލްޓީން އަންގާފައިވާ ކަމަށާއި އެހެންނަމަވެސް އިތުރު އެއް އަހަރު ދުވަސް ވަންދެން ވެލާނާގޭގައި އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކެއް ހުރުމުން އެ މުއްދަތަށް ހީނާމާގޭގެ މުއްދަތު ވެސް އިތުރުކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ.


    "އަޅުގަނޑުމެން އެހެން އެދުމުން ވިދާޅުވެފައި އޮތީ އެވަރުގެ މުއްދަތެއް ނުދެވޭނެ ކަމަށް. އެހެނަމަވެސް އަޅުގަނޑުމެނަށް ވަގުތު ދިނުމަށް މުނިސިޕަލްޓީން ވެސް ވާހަކަ ދައްކަމުން ދަނީ،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.


ވެލާނާގޭ އޮފީސް އިމާރާތުގެ މަސައްކަތް 192.2 މިލިޔަން ރުފިޔާ އަށް، 18 މަސް ދުވަހުގެ ތެރޭގައި ނިންމަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2005 ވަނަ އަހަރުގެ އެޕްރީލު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ނިމިފައި ވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. އަދި އެ އިމާރާތް ހުޅުވާފައި ވަނީ މިދިޔަ ޖުލައި 26ގަ އެވެ.