އައިޖީއެމްއެޗުން ފުލުހަށް ހުށަހެޅި، އެ ހޮސްޕިޓަލުގެ ނަރުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު "ސަން"އަށް ބުނީ އެ މައްސަލަ ހުށަހަޅާފައި ވަނީ މީގެ ދެ ހަފުތާ ކުރިން ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަނީ ނަރުހަކު މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ރާއްޖޭގައި އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފުލުހުން ބަލައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފުލުހަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،750 މައްސަލަ ހުށަހަޅައިފައިވާއިރު، މިއަހަރުގެ މިހާތަނަށް 1،010 މައްސަލައެއް ހުށަހަޅައިފައިވެއެވެ.