17 Aug 2024, 11:12
ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒާހިރަކީ ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ގައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެއް ކަމަށެވެ.
އޭނާ ވަނީ އިގުތިސާދު ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ހާސިލްކުރައްވާފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޒާހިރުގެ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޒާހިރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން އޭނާއަކީ ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތުގައި ގިނަ ގުރުބާނީތަކެއް ވެވަޑައިގެން، ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ޒާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ.
"ޒާހިރަކީ އިސްލާޙީ މަސައްކަތުގެ ވަރަށްބޮޑު ބައިވެރިއެއް. އެމްޑީޕީއަށް އިޚްލާޞްތެރި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުކަންކުރެއްވި ބޭފުޅެއް. އިޖާދީ ވިޔަފާރިވެރިއެއް،" ޝާހިދު ވިދާޅުވެފައިވެއެވެ.
ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި، 75 އަހަރުގެ ޒާހިރު އަވަހާރަވީ މިއަދު އެގައުމުގައެވެ.
ޒާހިރު، އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، 2012 ވަނަ އަހަރު އެ ޕާޓީގެ ލ. ފޮނަދޫ ދާއިރާގެ ރައީސްކަން ވެސް ކުރެއްވިއެވެ.
އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިލަފުށި ކޯޕަރޭޝަންގެ ޗެއާމަންކަން ޗެސް ކުރައްވާފައެވެ.
ޒާހިރު ފާހަގަކުރެވިފައިވަނީ، އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ، ތަފާތު ވިޔަފާރިތައް ކުރައްވާފައިވާ ކުޅަދާނަ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ.