17 Aug 2024, 11:58
ޣައްޒާއިން ޕޯލިއޯ ނުފެންނަތާ 25 އަހަރު ފަހުން ޕޯލިއޯ ކޭސްއެއް ފެނިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، ޕޯލިއޯ ޖެހިފަވަނީ މެދުތެރޭ ޣައްޒާގައި ދިރިއުޅޭ 10 މަހުގެ ކުއްޖަކަށެވެ. އެ ކުއްޖާއަކީ ޕޯލިއޯ ވެކްސިން ނުޖަހާ ކުއްޖެއް ކަމަށާއި، ޓެސްޓުތައް ހެދީ އުރުދުންއިން ކަމަށް ވެސް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.
އދ.އިން ބުނި ގޮތުގައި، ޖޫން މަހު ޣައްޒާގެ ފެނުން ނަގާފައިވާ ސާމްޕަލްތަކުން ޓައިޕް 2 ޕޯލިއޯ ވައިރަސް ފެނިފައިވެއެވެ.
އެހެންވެ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ޣައްޒާގެ 640،000އަށް ވުރެ ގިނަ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ހަތް ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑައިލުމަށް ގޮވައިލައްވައިފައެވެ.
އެކުދިންނަށް ވެކްސިން ފޯރުކޮށްދިނުމަށް ތަފުސީލީ ޕްލޭންތަކެއް އެކަށައަޅައިފައިވާ ކަމަށާއި ހަނގުރާމަ މެދުކަނޑައިލައިފިނަމަ، ވެކްސިން ދޭން މި މަހުވެސް ފެށިދާނެ ކަމަށް އދ.ގެ ހެލްތު އެންޑް ޗިލްޑްރަންސް އެޖެންސީން ބުނެއެވެ.
"ޕޯލިއޯ ފެތުރުން ހުއްޓުވުމަށާއި ކޮންޓްރޯލް ކުރުމަށް ގުޅިގެން އަވަސް މަސައްކަތެއް ކުރަން ޖެހޭ،" ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ހުންނަވައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ގުޓެރޭޒް ވިދާޅުވިއެވެ.
އދ.ގެ ކުޑަކުދިންނާބެހޭ ޖަމުއިއްޔާ، ޔުނިސެފުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއާ ގުޅިގެން މިމަހުގެ ފަހުކޮޅު ޣައްޒާގައި ޓައިޕް 2 ޕޯލިއޯ ވައިރަސްއާ ދެކޮޅަށް ވެކްސިން ދިނުމުގެ ދެ ބުރު ބާއްވަން ރާވާފައިވާ ކަމަށް އެ ދެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ކޮންމެ ބުރެއްގައި ވެސް ޣައްޒާގެ ސިއްހަތާބެހޭ އިދާރާތަކާއެކު 10 އަހަރުން ދަށުގެ 640،00 އަށް ވުރެ ގިނަ ކުދިންނަށް ނޮވެލް އޯރަލް ޕޯލިއޯ ވެކްސިން ޓައިޕް 2 (އެންއޯޕީވީ2) ދެ ޑޯޒް ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.