25 Jun 2012, 09:45
ހުއްދަ ނުހޯދައި ތަނަކަށް ވަން މީހަކު އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އަރުވާލަން ހުކުމް ކުރީ ސ. ހުޅުދޫ ރަންކޮކާގޭ، ޝިމާޒު މުހައްމަދުގެ މައްޗަށެވެ. އޭނާ ހަ މަސް ދުވަހަށް ހަރުވާލަން ހުކުމް ކުރީ ލީލީ އިންޓަނޭޝަލްގެ މުވައްޒަފުން ތިބޭ، ލޭބާ ކްއާޓާސް އަށް ވަދެގެނެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އިއްވެވި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ މާޗް 23 ވަނަ ދުވަހުގެ ހަވީރު ހ. ސެމާ، ތިންވަނަ ފަންގިފިލާގައި ހުންނަ ލީލީ އިންޓަނޭޝަނަލްގެ ލޭބާ ކުއާޓަރަށް ޝިމާޒު ވަދެފައިވާކަން އޭނާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެތަނަށް އޭނާ ވަނީ އެތަނުގައި ހުރި މީހެއްގެ ހުއްދަ ލިބިގެން ކަމަށް އޭނާ ބުނި ނަމަވެސް އެ ހުއްދަ ދިން ފަރާތެއް އޭނާއަށް ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާތީ އޭނާ އެތަނަށް ވަނީ ހުއްދަ ލިބިގެން ނޫންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށާއި މިއީ އެފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ އެކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާ ހަމަހަށް އަރުވާލަން ހުކުމް ކުރީ ކަމަށް ވެސް ހުކުމް ބުނެ އެވެ.