17 Aug 2024, 17:49
އިންގްލިޝް ޕްރިމިއާ ލީގުގެ އާ ސީޒަން ފެށިފައިވާއިރު މިސީޒަންގައި އާސެނަލަކީ ކުރިއަށްވުރެ ކާމިޔާބު ޓީމަކަށް ހަދަން ބޭނުންވާކަމުގައި އެޓީމުގެ ކޯޗު މިކޭލް އާޓޭޓާ ހާމަކޮށްފިއެވެ.
އާސެނަލްއިން އެންމެ ފަހުން ނިމިގެންދިޔަ ދެ ސީޒަން ވެސް ނިންމާލާފައިވަނީ ލީގު ކާމިޔާބު ކުރި މެންޗެސްޓާ ސިޓީގެ ފަހަތުން ދެވަނައިގާ އޮވެގެންނެވެ. އަދި މިދިޔަ ސީޒަންގައި ސިޓީ އާއި އާސެނަލާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ތަފާތެވެ.
މިދިޔަ ސީޒންގެ ފަހު މެޗަށްފަހު މުޅި ޓީމު ބައްދަލުކުރި ކަމަށާއި އެބައްދަލުވުމުގައި ހުރިހާ ކުޅުންތެރިން ވެސް ބުނަމުންދިޔައީ މިސީޒަންގައި އެކުޅުންތެރިން އިތުރަށް މަސައްކަތް ކުރާނެކަން ކަމަސް އާޓޭޓާ ވަނީ ހާމަކޮށްފައެވެ. އަދި މިއީ ކުޅުންތެރިން ދެކޭގޮތް ކަމުން އެކަމާއިގެން ކުރިއަށް ދިއުމަށް ފަސޭހަ ކަމަށް އަޓާޓޭ ވަނީ ބުނެފައެވެ. އޭނާ ބުނީ، ކުޅުންތެރިންގެ ފަރާތުން އެކަން ވަރަށް ރަނގަޅަށް ޕްރީ ސީޒަންގައި ފެނިފައި ވާކަމަށެވެ.
އާސެނަލްއިން ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނިކުންނާނީ އަމިއްލަ ދަނޑުގައި ވުލްވަހެމްޕްޓަން ވޮންޑަރާސާ ދެކޮޅަށެވެ. އާޓޭޓާ ހާމަކުރިގޮތުގައި އާސީޒަންގެ ފެށުމަށް މުޅި ޓީމުވެސް ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އަދި ވާދަވެރި މެޗުތަކާއި ދުރުގައި ޓީމު މިހާރު އުޅޭތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށް އޭނާ ބުނެފައި ވެއެވެ.
ޕްރިމިއާ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ފަސް ސީޒަންގައި އެޓީމަށް ލިބޭ ޕޮއިންޓު އެއް ސީޒަނަށް ވުރެ އަނެއް ސީޒަންގައި މަތި ކުރެވިފައެއް ނުވެއެވެ. އަދި އާސެނަލް އިން މިސީޒަންގެ ލީގު ކާމިޔާބު ކުރަން ބޭނުންނަމަ އެކަން ކުރާ ފުރަތަމަ ޓީމަށް ވާންޖެހެއެވެ. 2019 އަދި 2020ވަނަ އަހަރުގެ ސީޒަންގައި 56 ޕޮއިންޓް ހޯދުނު އާސެނަލް މިދިޔަ ސީޒަންގައިވަނީ 89 ޕޮއިންޓް ހޯދައިފައެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިސީޒަންގައި ވެސް ލީގަށް ސިޓީ އާއެކު އެންމެ ބޮޑަށް ވާދަކުރާނެ އެއް ޓީމަކީ އާސެނަލް އެވެ. ނަމަވެސް އާސެނަލްއިން ވެސް މިކަން ކާމިޔާބު ކުރަން ބޭނުންނަމަ މިދިޔަ ސީޒަންގައި ދެއްކި ކުޅުމަށްވުރެ މޮޅު ކުޅުމެއް ދައްކަން ޖެހޭނެއެވެ.