ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރިޓިޝް ނަންޑީ ކޮމިއުނިކޭޝަން (ޕީއެންސީ) އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ސީރީސް "ދަ ރޯޔަލްސް"ގެ ކާސްޓުން އިއުލާނުކޮށްފިއެވެ.

އިންޑިއާގެ މަގުބޫލު ގިނަ ތަރިންތަކެއް ހިމެނޭ މި ސީރީސްގެ ކާސްޓުން އިއުލާނުކޮށްފައި ވަނީ ޚާއްސަ ޓްރެއިލާއަކުންނެވެ. ޒަމާނަށް ފެތޭގޮތަށް އުފައްދާ އިންޑިއާގެ ޝާހީ ލޯބީގެ ދުނިޔެއަކަށް ބެލުންތެރިން ދޫކޮށްލާނެ މި ސީރީސްއިން ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމާން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ތައާރަފްވާނެއެވެ.

ހަމައެއާއެކު މިއީ މި ސީރީސްގައި މުހިއްމު ރޯލް ކުޅޭ ބަތަލާ ބޫމީ ޕެޑްނެކާރުގެ ވެސް ފުރަތަމަ ވެބް ސީރީސްއެވެ. މިޒަމާނުގެ ޖެންޒީ ސްޓޯރީއެއް ގެނެސްދޭ "ދަ ރޯޔަލްސް"އިން ފެންނާނެ މުހިއްމު ތަރިންގެތެރޭ އިޝާން ހައްތަރު، ނޯރާ ފަތެހީ، ޑީނޯ މޯރިއާ، ސާކްޝީ ތަންވާރު، މިލިންދު ސޯމަން، ޗަންކީ ޕާންޑޭ އަދި ވިހާން ސަމިތު ހިމެނެއެވެ.

"ދަ ރޯޔަލްސް"ގެ މުހިއްމު ތަރިން ކަމަށްވާ ބޫމީ އަދި އިޝާން--ފޮޓޯ/ކޮއިމޮއި

ޕްރިޔަންކާ ގޯސް އަދި ނުޕޫރު އާސްތާނާ ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ މި ސީރީސްއިން ދެ ޖީލެއްގެ ވާހަކަ ގެނެސްދޭން ވަނީ ނިންމާފައެވެ. މި ޒަމާނަށް ފެތޭގޮތަށް ގެނެސްދޭން ނިންމާފައިވާ ލޯބީގެ މި ސީރީސްއަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ނެޓްފްލިކްސް އިންޑިއާގެ އިސް ފަރާތެއް ކަމަށްވާ ތާންޔާ ބާމީ ވަނީ ބުނެފައެވެ.

މި ސީރީސްގެ ޓްރެއިލާ ރިލީޒްވުމާ އެކު ސީރީސް ޕްރިމިއާ ކުރާނެ ދުވަހަކަށް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ. ނަމަވެސް "ދަ ރޯޔަލްސް" ޕްރިމިއާ ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.