އިންޑިއާގެ ފިލްމު އިންޑަސްޓްރީއިން މި އަހަރުގެ ގައުމީ އެވޯޑު ކާމިޔާބުކުރި ފަރާތްތަކުގެ ނަންތައް އިއްޔެ އިއުލާނުކޮށްފިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ގައުމީ އެވޯޑުތައް ގިނައިން ކާމިޔާބުކޮށްފައި ވަނީ ދެކުނުގެ ފިލްމީ ތަރިންނާއި ފިލްމު ޕްރޮޑިއުސަރުންނެވެ.

މި އަހަރުގެ އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑު މަޅަޔާލަމް ފިލްމު "އާއްޓަމް" ހޯދިއިރު އެންމެ މޮޅު ބަތަލާ އަދި ބަތަލުގެ އެވޯޑު ވެސް ހާސިލުކޮށްފައި ވަނީ ސައުތު ސިނަމާގެ ދެ ތަރިންނެވެ. އެއީ ކަންނާޑާ ސިނަމާގެ އެކްޓަރު ރިޝަބް ޝެޓީ އަދި ބެންގަލޫރުގެ ކަރުނަޓުކާއަށް އުފަން ބަތަލާ ނިތިޔާ މެނަންއެވެ. ނިތިޔާ މެނަން އާއްމުކޮށް ކުޅެފައި ވަނީ މަޅަޔާލަމް، ތަމަޅަ އަދި ތެލުގޫ ބަހުން އުފައްދާފައިވާ ފިލްމުތަކެވެ.

އެންމެ މޮޅު ފިލްމީ ތަރިންގެ ގައުމީ އެވޯޑު މި އަހަރު ކާމިޔާބުކުރި ދެ ތަރިން ކަމަށްވާ ރިޝަބް ޝެޓީ އަދި ނިތިޔާ މެނަން--ފިލްމުފެއަ
މި އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ފިލްމު "އޫންޗާއީ"އިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތުޔާ ކާމިޔާބުކުރިއިރު އެ ފިލްމުން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑު ނީނާ ގުޕްތާ ވަނީ ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ އެންމެ މޮޅު ތަމަޅަ ފިލްމުގެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ ބަތަލާ އައިޝްވާރިޔާ ރާއި ބައްޗަން މުހިއްމު ރޯލް ކުޅުނު ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޕޮނިޔިން ސެލްވަން: ޕާޓް1"އެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމު "ކޭޖީއެފް:ޗެޕްޓަ2" ކަންނާޑާ އިންޑަސްޓްރީގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ކާމިޔާބުކުރިއިރު މި ކެޓަގަރީއިން އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑު ކާމިޔާބުކުރީ ފިލްމު "ގުލްމޯހަރު"އެވެ.

ގައުމީ އެވޯޑު ކާމިޔާބުކުރި ފަރާތްތަކަށް އެވޯޑު ދިނުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތު ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ނިއު ދިއްލީގެ ނެޝަނަލް މީޑިއާ ސެންޓައިން ވަނީ އިއުލާނުކޮށްފައެވެ.

ގައުމީ އެވޯޑު ކާމިޔާބުކުރި ފަރާތްތަކާ އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އެ ގައުމުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. މިދިޔަ އަހަރު ގައުމީ އެވޯޑު ހަފުލާގައި ވިދާލި ތަރިންގެތެރޭ ތެލުގޫ އެކްޓަރު އައްލީ އަރުޖުން އަދި ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ އާލިއާ ބަޓް އަދި ކްރިތީ ސެނޮން ހިމެނެއެވެ.