18 Aug 2024, 09:12
ކޮމްޕިއުޓަރާއި، ސްމާޓް ފޯން ފަދަ ޑިވައިސްތަކުގައި ހުންނަ އެންޓިވައިރަސް ސޮފްޓްވެއާތައް ފުހެލުމުގެ ޤާބިލްކަން ލިބިފައިވާ އާ މެލްވެއާއެއް ފެތުރެން ފަށައިފިކަމަށް ސޯފޮސްގެ ދިރާސާވެރިން ހާމަކޮށްފިއެވެ.
މި އާ ނުރައްކާތެރި މެލްވެއާއަށް ސޯފޮސްގެ ދިރާސާވެރިން ދީފައިވާ ނަމަކީ އީޑީއާރްކިލްޝިފްޓާއެވެ.
ރެންސަމްހަބް ނަމަކަށް ކިޔާ ރެންސަމްވެއާ ހެކަރުންގެ ގްރޫޕަކުން މި ޓޫލް ބޭނުންކުރިކަމަށް ސޯފޮސްއިން ބުނެފައިވެއެވެ. އަދި ގިނަ އެޓޭކަރުންތަކެއް މި ޓޫލް ބޭނުންކުރަމުންދާކަމަށް ސޯފޮސްއިން ލަފާކުރެއެވެ. މިއީ ތިންވަނަ ފަރާތަކުން ތައްޔާރުކޮށް ޑާކް ވެބްގައި ވިއްކަމުންދާ ޓޫލެއް ކަމަށް ވެސް ބެލެވެއެވެ.
ސޯފޮސްއިން ދިރާސާކުރި ހާދިސާއެއްގައި، އީޑީއާރްކިލްޝިފްޓާ ބޭނުންކޮށްގެން ސޯފޮސްގެ ޕްރޮޓެކްޝަން ހުއްޓުވަން މަސައްކަތްކޮށްފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް މި މަސައްކަތް ނާކާމިޔާބުވެފައިވެއެވެ.
ސޯފޯސްގެ ދިރާސާވެރިން ހާމަކޮށްފައިވާ ގޮތުގައި އީޑީއާރްކިލްޝިފްޓާ އަކީ ދެ މަރުޙަލާއެއްގައި މަސައްކަތްކުރާ ނުރައްކާތެރި މެލްވެއާއެކެވެ. ފުރަތަމަ މަރުޙަލާގައި، އެއީ ލޯޑަރެއްގެ ގޮތުގައި މަސައްކަތްކޮށް، ޓާގެޓް ސިސްޓަމަށް ވަދެއެވެ.
ދެވަނަ މަރުޙަލާގައި، އޭގެ މަޤްޞަދަކީ ގެއްލުން ލިބިފައިވާ ޑްރައިވާ އެއް ސިސްޓަމަށް އެޅުމެވެ. މި ޑްރައިވަރުގައި ހުންނަ ސެކިއުރިޓީ ހޯލްތައް މެދުވެރިކޮށް، އެޓޭކަރުންނަށް ސިސްޓަމަށް ވަދެ، އިތުރު މެލްވެއާ އިންސްޓޯލްކުރެވެއެވެ.
މީގެ ސަބަބުން އެންޓިވައިރަސް ފަދަ ސެކިއުރިޓީ ސޮފްޓްވެއާ ހުއްޓުވުމަށް މަގުފަހިވެ، އެޓޭކަރުންނަށް ސިސްޓަމުގެ ފުރިހަމަ ކޮންޓްރޯލް ލިބި، އެމީހުންގެ ނުރައްކާތެރި ޢަމަލުތައް ހިންގުމުގެ ފުރުޞަތު ލިބިގެންދެއެވެ.
މި ނުރައްކާތެރި މެލްވެއާ ހޯދި ސޯފޯސް ކުންފުންޏަކީ 1985 ވަނަ އަހަރު އިނގިރޭސިވިލާތުގައި އަސާސްކުރެވުނު ގްލޯބަލް ސައިބާ ސެކިއުރިޓީ ކުންފުންޏެކެވެ. މި ކުންފުނި ޚާއްޞަވެފައިވަނީ އެންޓިވައިރަސް، އެންކްރިޕްޝަން އަދި އެންޑްޕޮއިންޓް ސެކިއުރިޓީ ސޮފްޓްވެއަރ އުފެއްދުމަށެވެ.
ސޯފޮސްއިން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށްގެން ނެޓްވޯކް ސެކިއުރިޓީ، އީމެއިލް ސެކިއުރިޓީ، މޮބައިލް ސެކިއުރިޓީ އަދި ކްލައުޑް ސެކިއުރިޓީ ފަދަ ޙައްލުތައް ފޯރުކޮށްދެއެވެ.
ސައިބާ ސެކިއުރިޓީ ދާއިރާގައި ދިރާސާކުރުމާއި އާ ހޯދުންތައް ހޯދުމުގައި ކުރިއަރާފައިވާ މި ކުންފުނީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 3,500 މުވައްޒަފުން މަސައްކަތްކުރެއެވެ. އަދި ސޯފޮސްގެ ޚިދުމަތްތައް ދުނިޔޭގެ 150 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރެވެއެވެ.