ވައި ބާރުވެ ކަނޑުތައް ގަދަވުމުން މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ނެރެފައިވާ ރީނދޫ ސަމާލު މިރެއާ ހަމައަށް ދަންމާލައިފިއެވެ.

މެޓް އޮފީހުން ވަނީ އެ އޮފީހުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެެރެފައިވާ ރީނދޫ ސަމާލު މިރޭގެ 20:00 އަށް ދަންމާލާފައެވެ.

އެ އޮފީހުން ބުނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދު ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ދެކުނުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި، އިތުރުގެ އަތޮޅުތަކަށް ވައިމަޑުވާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގެ ހޯމައިން ފެށިގެން ކަމަށް އެ އިދާރާއިން ބުންޏެވެ.

ވައިގަދަވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެ އޮފީހުން ބުނާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ، ޑިސެންބަރާ ހަމައަށް ދެމިގެންދާނެއެވެ.