އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކޮލްކަތާގައި މިދިޔަ ހުކުރު ދުވަހު ޑޮކްޓަރަކު ރޭޕްކޮށް މަރައިލި މައްސަލައިގައި މުޅި ގައުމުގައި ހަޅުތާޅު ކުރަން އިންޑިއާގެ ޑޮކްޓަރުން ގޮވާލައިފިއެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ އެންމެ ބޮޑު ޑޮކްޓަރުންގެ ގްރޫޕް ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ)އިން ބުނީ، އެ ގައުމުގެ ހުރިހާ ހޮސްޕިޓަލަކުން އިމާޖެންސީ ޚިދުމަތްތައް ފިޔަވައި އެހެން ހުރިހާ ޚިދުމަތެއް ދިނުން މާދަމާއިން ފެށިގެން 24 ގަޑިއިރަށް ހުއްޓައިލާނެ ކަމަށެވެ.

ހޮސްޕިޓަލުތަކުން ޚިދުމަތް ދިނުން ހުއްޓައިލަން ނިންމިއިރު، 31 އަހަރުގެ ޑޮކްޓަރު ރޭޕްކޮށް މަރައިލި މައްސަލައިގައި އެތައް ހާސް ބަޔަކު މިހާރު ވެސް އަންނަނީ މަގުތައް މަތީ ހަޅުތާލު ކުރަމުންނެވެ.

"ޑޮކްޓަރުން، ޚާއްސަކޮށް އަންހެނުންނަށް އަނިޔާގެ ފުރުސަތު ލިބެނީ އެ ގިނަ ފަހަރަށް އެ ޕްރޮފެޝަންގެ ގޮތުން. ނަމަވެސް، ޑޮކްޓަރުންނަށް ރައްކާތެރިކަށް ފޯރުކޮށްދިނުމަކީ ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަމެއް،" އައިއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގައި ޑޮކްޓަރަކު މަރާލާފައި އޮއްވައި ފެނުނީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލްގެ ސެމިނާ ހޯލުންނެވެ. އަދި، އޭނާ އެ ތަނަށް ގޮސްފައިވަނީ ދިގު ޝިފްޓަކަށް ފަހު އަރާމުކޮށްލަން ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މަރާލައިފައި އޮއްވައި ޑޮކްޓަރު ފެނުނުއިރު، ބޮޑެތި ޒަޚަމުތަކެއް ހަށިގަނޑުން ފެންނަން ހުއްޓެވެ. އޭނާއަށް ޖިންސީ ގޯނާކޮށްފައި ހުރިކަން ކަށަވަރުވީ އޮޓޮޕްސީ ހެދުމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި، ހޮސްޕިޓަލުގެ ވޮލިއުންޓިއަރަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، ސްޓޭޓް ސަރުކާރުގެ އޮފިސަރުންގެ މައްޗަށް ވަނީ މައްސަލަ ބެލުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ)އިން ބުނާ ގޮތުގައި 2022 ވަނަ އަހަރު 31،000 އަށް ވުރެ ގިނަ ރޭޕްގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އެ އަހަރަކީ މިހާތަނަށް ރިކޯޑުތައް ނަގައިފައިވާ އެންމެ ފަހު އަހަރެވެ.

އިންޑިއާގައި ރޭޕްގެ މައްސަލައިގައި މުޒާހަރާތައް ބޮޑަށް ފެށުނީ އިންޑިއާގެ އުތުރުގެ ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގައި ޒުވާން އަންހެނަކު ރޭޕްކުރުމާ ގުޅިގެންނެވެ. އެ ހާދިސާ ހިނގި ދުވަސްވަރު އިންޑިއާގައި އަހަރަކު 25،000 އާ ހަމައަށް ރޭޕް މައްސަލަ ފުލުހުން ރިކޯޑް ކުރަމުން ދިޔަ ކަމަށް އެންސީއާރުބީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހަރުކަށި ހުކުމްތަކާއި ތަކުރާރުކޮށް ކުށްކުރާ މީހުންނަށް މަރުގެ އަދަބު ދޭން ކަނޑައަޅައިފައެވެ. ހަރުކަށި ގާނޫނުތަކެއް ހަދާފައި އޮތް ނަމަވެސް އެއަށް އަމަލުނުކުރާ ކަމަށް ހަޅުތާޅުގެ ބައިވެރިން ބުނެއެވެ.