މީހެއްގެ އަތުން ޓަކައިގެން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ މީހަކު މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ރުފިޔާ އަތުލި މައްސަލައެއްގައި 11 އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 11 އަހަރާއި ހަތަރު މަހަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މ. ލަންސިމޫގެއާގޭ އިބްރާހިމް ރަޝީދުގެ މައްޗަށެވެ.

ގާނޫނޫލް އުގޫބާތުގައި ބުނާގޮތުން އުމުރަށް ޖަލަށް ލުމުގެ މާނައަކީ 25 އަހަރަށް ޖަލަށް ލުމެވެ. މި ހުކުމާއިއެކު 36 އަހަރާއި ހަމަސް ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލެވޭނެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިން ސޮއިކުރައްވާ ބުރާސްފަތި ދުވަހު އިއްވެވި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ދުވަހެއްގައި މ. އާޒާދީ ގުލްޝަން އިބްރާހިމް ފަޔާޒަށް 4000 ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ފަޔާޒުގެ އަތުން އޭނާ 64020ރ. އަތުލާފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އަދި މިއީ އެފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ހަ ވަނަ ފަހަރު ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ ދަށުން 11 އަހަރާއި ހަތަރު މަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އަތުން ހޯދަން ދައުވާ ކުރުމުގެ ހައްގު ފަޔާޒަށް ލިބިގެންވާ ކަމަށް ވެސް އެ ހުކުމްގައި އެވެ.

"... ޖުމްލަ 11 އަހަރާއި ހަތަރު މަސްދުވަހުގެ މުއްދަތަށް މ. ލަންސިމޫގެ އާގޭ އިބްރާހިމް ރަޝީދު ޖަލަށްލުމަށް ހުކުމްކޮށް ބަދަލާއި މެދު ދައުވާ ކުރުމުގެ ހައްގު ބަދަލުލިބޭ ފަރާތަށް ލިބިގެންވާކަމަށް އަންގައި މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.