16 Aug 2024, 08:20
މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޒުވާން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އެ ޑޮކްޓަރަށް އިންސާފު ހޯދުމަށް އިންޑިއާގެ ފިލްމީ ތަރިން ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.
އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ބަޔަކު މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު ވަރަށް ގިނަ ފިލްމީ ތަރިން ވަނީ 78 އަހަރު ފުރުނު މިނިވަން ދުވަހާ ގުޅުވައިގެން ވަރުގަދަ ސްޓޭޓްމެންޓްތައް ނެރެފައެވެ.
ބައެއް ފިލްމީ ތަރިން ބުނެފައިވާ ގޮތުގައި އިޤުތިޞާދީ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ ކުރިން އިންޑިއާ ޖާގަ ހޯދި ނަމަވެސް އެ ޤައުމުގެ އަންހެނުންނަށް އަމިއްލަ ޤައުމުގައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް ކަމަށެވެ. އަންހެނުންނަށް އަމިއްލަ ޤައުމުގައި މިނިވަންކަމާ އެކު ބޭރުތެރެއަށް ނުކުމެ އުޅުމުގެ ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭއިރު ފާހަގަކުރަމުން އަންނަނީ ކޮންބައެއްގެ މިނިވަންކަމެއްތޯ އަހާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ.
މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު، އާލިއާ ބަޓް، ސާރާ އަލީ ޚާން، ޕްރިތީ ޒިންތާ، ޓައިގާ ޝްރޮފް އަދި އަޔުޝްމާން ކުރާނާ ފަދަ ތަރިން ސޯޝަލް މީޑިއާގައި ނެރެފައިވާ ސްޓޭޓްމަންޓްތަކުގައި ބުނެފައިވަނީ، ބަދަލެއް ގެނެވޭނެ ކަމުގެ އިންތިޒާރުގައި ތިއްބާ 12 އަހަރު ފަހުން އަނެއްކާ ވެސް އިތުރު ހާދިސާއެއް ތަކުރާރުވެއްޖެ ކަމުގައެވެ.
ރޭޕްގެ މި ހާދިސާއާ ގުޅުވައިގެން ގިނަ ބަޔަކު ވަނީ މީގެ 12 އަހަރު ކުރިން އިންޑިއާގެ ނިއު ދިއްލީގައި ގޭންގް ރޭޕްކުރުމަށް ފަހު ޖިންސީ ބޮޑެތި އަނިޔާތަކެއްދީ މަރާލީ ނިރުބަޔާ ކޭސްގެ ހަނދާންތައް އާކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ޢުމުރުން 31 އަހަރުގެ ޒުވާން ޑޮކްޓަރު މަރާލާފައި އޮއްވާ ފެނުނީ އިންޑިއާގެ ވެސްޓް ބެންގާލްގެ ކޮލްކަތާގެ އާރުޖޭ ކަރު މެޑިކަލް ކޮލެޖުގެ ސެމިނާ ކޮޓަރިންނެވެ. މި ޢަމަލުގެ ފަހަތުގައި ތިބި މީހުން ހޯދުމަށް ފަހު އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެންމެ ހަރުކަށި އަދަބު ދިނުމަށް ފިލްމު އިންޑަސްޓްރީގެ އިތުރުން އިންޑިއާގެ އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ.

ޒުވާން ޑޮކްޓަރު ރޭޕްކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ ޑޮކްޓަރުންތަކެއް މުޒާހަރާކުރަން މަގުމައްޗަށް ނުކުމެފައި--ފޮޓޯ/އެންޑީޓީވީ
ފަހުގެ ރިޕޯޓުތައް ބުނާގޮތުން އާރުޖޭ ކަރު މެޑިކަލް ހޮސްޕިޓަލުގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ ސިވިކް ޕޮލިސް ވޮލަންޓިއަރެއް މި މަރުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާތަކުން ފެނުނު މަންޒަރުތަކަށް ރިއާޔަތްކޮށް މަރުވި ޑޮކްޓަރުގެ އޮޓޯޕްސީ ނަތީޖާއިން ކުރެވުނު ތުހުމަމުތަކުގެ މައްޗަށް ބިނާކޮށެވެ. އަންހެނުންނަށް ޖިންސީ އަނިޔާކުރުމުގެ އިތުރުން ރޭޕްގެ މައްސަލަތައް އިންތިހާއަށް ބޮޑު އިންޑިއާގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ ދުވަހަކު އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ރިޕޯޓުކުރެއެވެ.