އިންޑިއާގެ ފިލްމީ ތަރި ސަމަންތާ ރޫތު ޕްރަބޫ މަޝްހޫރު ވެބް ސީރީޒް "ދަ ފެމިލީ މޭން"ގެ ޑައިރެކްޓަރު ރާޖް ނިދިމޮރޫއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަމަންތާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ބަތަލާއަށް ގިނަ ބައެއްގެ ހަމްދަރުދީއެއް ލިބެން ފެށީ މިދިޔަ ހަފުތާ ތެރޭ ކުރީގެ ފިރިމީގެ ނާގާ ޗައިތަންޔާ ބަތަލާ ޝޮބީތާއާ އެންގޭޖްވިކަން އިއުލާނުކުރުމާ ގުޅިގެންނެވެ.

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ސަމަންތާއަކީ އެމޭޒަން ޕްރައިމްއިން ގެނެސްދިން "ދަ ފެމިލީ މޭން"ގެ ދެވަނަ ސީރީޒްގެ ވަރަށް މުހިއްމު ހިއްސާއެކެވެ.

ބަތަލާ ސަމަންތާ 'ދަ ފެމިލީ މޭން'ގެ ޑައިރެކްޓަރުން ކަމަށްވާ ޑީކޭ އަދި ރާޖްއާ އެކު--ފޮޓޯ/ޓައިމްސްނައު

ވެބް ސީރީޒް "ދަ ފެމިލީ މޭން2"ގެ ކާމިޔާބީއަށް ފަހު ސަމަންތާ ވަނީ އެމޭޒަން ޕްރައިމްއިން ޕްރިމިއަކުރުމަށް ތައްޔާރުވަމުން އަންނަ "ސިޓަޑެލް: ހަނީ ބަނީ"ގެ ވެސް ވަރަށް މުހިއްމު ރޯލެއް ކުޅެފައެވެ. މި ވެބް ސީރީޒަކީ ވެސް ރާޖް ނިދިމޮރޫ ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒެކެވެ. ރިޕޯޓުތައް ބުނާގޮތުން ރާޖާއި ސަމަންތާގެ ގުޅުން އިތުރަށް ބަދަހިވީ "ސިޓަޑެލް: ހަނީ ބަނީ"ގެ މަސައްކަތްތައް ކުރިއަށްދިޔަ ދުވަސްވަރެވެ.

ސަމަންތާ އަދި ރާޖްގެ ފަރާތުން މިކަމާ ގުޅިގެން މިހާތަނަށް ރަސްމީގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވާއިރު މިހާތަނަށް ދެ މީހުން ބައިވެރިވެފައިވާ ހަފުލާތަކުގައި ސަމަންތާއާއި ރާޖާ ދެމެދު ވަރަށް ބަދަހި ގުޅުމެއް އޮންނަކަން މީޑިއާ ރިޕޯޓަރުންނަށް ފާހަގަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަމަންތާއާއި ރާޖްގެ ލޯބީގެ ގުޅުމެއް އޮންނަކަމުގެ އަޑުތައް ފެތުރެމުން އަންނައިރު ރާޖް އަންނަނީ މިހާރުގެ އަންހެނުން ޝިޔަމާލީއާ ދެ މީހުންގެ ކައިވެނި ރޫޅާލަން ތައްޔާރުވަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.