25 Jun 2012, 09:27
ނިއުދިއްލީ (ޖޫން 25) : އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިޔާގެ ފައިސާ (ރުޕީ) ގެ އަގު ދަށްވަމުންދާތީ އެކަން ހުއްޓުވުމަށާއި އިޤްތިސާދު ވަރުގަދަ ކުރުމަށް ކުއްލި ފިޔަވަޅުތަކެއް އަޅަންގަސްދުކުރާކަން އިންޑިޔާ ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން އިންޑިޔާގެ މާލީ ވަޒީރު ޕްރަނާބް މުކަރްޖީ ވިދާޅުވީ އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިޔާގެ ރުޕީ ގެ އަގު ދަށްވަމުންދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައެވެ. ފައިސާގެ ބާޒާރުގައި އިންޑިޔާގެ ރުޕީގެ އަގު، ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައިވަނީ ޑޮލަރަކަށް 57.32 ރުޕީސް އަށް ދަށަށްގޮސްފައެވެ. މިކަމުގެ ސަބަބުން އިންޑިޔާގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އިންޑިޔާގެ އިޤްތިސާދަށް ކުއްލި މައްސަލަތަކެއް ކުރިމަތިވެފައިވާކަން ހާމަވެފައިނުވިނަމަވެސް ރުޕީގެ އަގު ދަށަށް ދިޔުމަކީ އިންޑިޔާގެ އިޤްތިސާދު ބަލިކަށިވުމުގެ ޢަލާމާތެއް ކަމަށް މުކަރްޖީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރުޕީގެ އަގު ދަށްވުން ހުއްޓުވުމަށާއި އިންޑިޔާގެ އިޤްތިސާދު އިތުރަށް ވަރުގަދަ ކުރުމަށް ކުއްލި ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ. ފައިސާގެ ބާޒާރުގައި ރުޕީގެ އަގު ދަށަށްދާ މައްސަލަ، މިފިޔަވަޅުތަކުގެ ސަބަބުން ޙައްލުވެގެންދާނެ ކަމަށް މުކަރްޖީ ވިދާޅުވިއެވެ.
އޭޝިޔާގެ ތިންވަނަ އިޤްތިސާދު އަދި ދުނިޔޭގެ ހަތްވަނަ އިޤްތިސާދު ކަމަށްވާ އިންޑިޔާގެ އިޤްތިސާދަށް މިފަހަކަށް އައިސް ކުރިމަތި މައްސަލަތަކުގެ ފަހަތުގައިވަނީ ސަރުކާރަށް ނަގާ ޓެކްސްގެ މިންވަރު އިތުރުކުރުމާއި އިޤްތިސާދީ އިތުރު އިސްލާހްތައް ގެނައުމުގެ ޤާބިލްކަން ބޮޑުވަޒީރު މަންމޯހަން ސިންގ ގެ ސަރުކާރުގައި ކުޑަވެގެން ދިޔުންކަމަށް އިޤްތިސާދީ ތަޖްރިބާކާރުން ބުނެއެވެ.
މިކަމަށް ރައްދު ދެއްވަމުން އިންޑިޔާގެ މާލީ ވަޒީރު ވިދާޅުވީ ދުނިޔޭގެ އިޤްތިސާދު މައްސަލަތަކެއްގެ ތެރެއަށް ވެއްޓިފައިވާއިރު އެއްވެސް ޤައުމަކަށް އެޤައުމެއް ބޭނުންވާވަރުގެ ބޮޑެތި ކުރިއެރުންތަކެއް ނުހޯދޭނެ ކަމުގައެވެ. އަދި ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ނޭދެވޭ އަސަރުއިންޑިޔާފަދަ ދުނިޔެއަށް ހުޅުވާލާފައިވާ ބޮޑުއިޤްތިސާދަކަށް ނުކޮށްނުދާނެ ކަމަށްެވެސް އޭނާ ވިދާޅުވި އެވެ.
މިފަހަކަށް އައިސް އޭޝިޔާގެ ބައެއް ޤައުމުތަކުގެ ފައިސާގެ އަގުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ޑޮލަރާއަޅާބަލާއިރު އަގު ދަށަށް ދިޔަ ފައިސާތަކުގެ ތެރޭގައި ސްރީލަންކާގެ ރުޕީ ވެސް ހިމެނެ އެވެ. ސްރީލަންކާގެ ރުޕީގެ އަގު ވަނީ ޑޮލަރަކަށް 130 ރުޕީސް އަށް ދަށަށްގޮސްފައެވެ. އިންޑިޔާގެ އިޤްތިސާދަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އިންފްލޭޝަން މަތިވަމުން ދިޔުމާއި ފާއިތުވި ހައެއްކަ އަހަރާ އަޅާބަލާއިރު އިންޑިޔާގެ އިޤްތިސާދު ކުރިޔަށްދާ މިންވަރު ދަށަށް ދިޔުން ހިމެނެއެވެ. -- ނޫސްއެޖެންސީތައް