15 Aug 2024, 20:37
އައިޖީއެމްއެޗްގެ އެމާޖެންސީ ފަޅިއާ ކައިރިން، ކަނބާއައިސާރަނި މަގުގައި ހުންނަ ޕާކިން ޒޯނާ ޖެހިގެން ހުރި ފާރެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެއެވެ.
އެ ހާދިސާގެ ފޮޓޯތަކުން، ފާރާއި ފާރު މަތީގައި ޖަހާފައި ހުރި ފެންސު ވެއްޓިފައިވާ މަންޒަރު ފެނެއެވެ. އެ ފާރު ވެއްޓިފައިވަނީ ސައިކަލުތަކެކެއްގެ މައްޗަށްކަން ވެސް ފޮޓޯތަކުން އެނގެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ދިރާގު ހެޑް އޮފީސް ކައިރީ، ޕާކިން ޒޯން ހިމެނޭ ހިސާބުގައި ޖަހާފައި ހުރި ފެންސެއް ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފާރު ވެއްޓިފައި: ވެއްޓުނު ފާރަކީ ދިރާގު ހެޑް އޮފީހާ އިންވެގެން ހުރި ފާރެއް -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ހާދިސާގައި އެއްވެސް މީހަކައަށް އަނިޔާނުވި ނަމަވެސް އެތާ ހުރި ސައިކަލުތަކަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ނުވަ ސައިކަލު ފާރުގެ ދަށުވެފައިވާ ކަމަށް މަންޒަރު ދުށް މީހަކު "ސަން"އަށް ބުންޏެވެ.
މި ދުވަސްވަރަކީ މާލެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކޮށް، ވައިގަދަ ދުވަސްވަރެކެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 23:00އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައެވެ.

ފާރު ވެއްޓިފައި: ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މިދިޔަ އަންގާރަ ދުވަހު މާލެއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވިއެވެ.