25 Jun 2012, 09:20
ޤާހިރާ (ޖޫން 25) : މިސްރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އެ ޤައުމުގެ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ނިސްބަތްވާ އިސްލާމީ ޚިޔާލުގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މަރްސީ އިންތިޚާބުވެވަޑައިގަތުމުން މިސްރުގެ އެތެރެއިންނާއި ދުނިޔޭގެ ޤައުމުތަކުން އޭނާ އަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަމުން އެބަގެންދެ އެވެ.
މިސްރުގެ އެތެރެއިން ޑރ. މަރްސީއަށް މަރްޙަބާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި މިސްރުގައި ވަގުތީ ގޮތުން ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލީހުގެ ވެރިޔާ ފީލްޑްމާޝަލް މުޙައްމަދު ޙުސައިން ތަންތާވީ އާއި މިސްރުގެ ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހިމެނެ އެވެ. މަރްސީ އަށް މަރްޙަބާ ދެންނެވުމަށް ޓަކައި އެތައް ލައްކަ ބަޔަކު ރޭގައި ވަނީ ޤާހިރާގެ މަޝްހޫރު މައިދާނުއްތަޙްރީރަށް އެއްވެ އުފާފާޅުކޮށްފަ އެވެ.
މިސްރުގެ ބޭރުން ޑރ. މަރްސީއަށް މަރްޙަބާ ވިދާޅުވި ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންގެ ތެރޭގައި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އާއި އީރާނުގެ ރައީސް އަޙްމަދީ ނެޖާދް އާއި ޢަރަބި އަދި އިސްލާމީ އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންގެ އިތުރުން އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގްއާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ހިމެނިވަޑައިގަންނަވަ އެވެ.
މިސްރާ އެކު ސުލްޙައިގެ މުޢާހަދާއެއްގައި ސޮއިކޮށްފައިވާ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އިސްރާއީލުގައި ދެއްވި ބަޔާނެއްގައި މިސްރު ރައްޔިތުންގެ ނިންމުމަށް އިސްރާއީލުން އިޙްތިރާމް ކުރާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވެ އެވެ. ޑރ. މަރްސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތަކީ އިސްރާއީލާ އެކު މިސްރުން ސޮއިކޮށްފައިވާ ސުލްޙައިގެ މުޢަހަދާއާ އިދިކޮޅު ޖަމާއަތަކެވެ. އެހެންކަމުން ޑރ. މަރްސީގެ ވެރިކަމުގައި އިސްރާއީލާއި މިސްރުގެ ކުރިންއޮތް ގުޅުންތައް ނޯންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އަދި އެމެރިކާގެ ނުފޫޒުގައި ދެޤައުމުން ސޮއިކޮށްފައިވާ ކޭމްޕްޑޭވިޑް ސުލްޙައިގެ މުޢާހަދާ އުވާލުމަކީ ނުވަތަ އެއަށް ޢަމަލުނުކުރުމަކީ ވަރަށް ގާތްކަމެއް ކަމަށް މުރާސިލުން ދެކެއެވެ. ނަތަނިޔާހޫގެ ބަޔާނުގައި މިމުޢާހަދާއަށް އިޙްތިރާމް ކުރުމަށް ޑރ. މަރްސީ އަށް ގޮވާލެއްވި އެވެ. އިސްރާއީލުގެ މީޑީޔާ އިން ވަނީ އިސްލާމީ ޚިޔާލުގެ ޑރ. މަރްސީ މިސްރުގެ އިންތިޚާބު ކާމިޔާބުކުރެއްވުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑރ. މަރްސީ މިސްރުގެ ރައީސަކަށް އިންތިޚާބު ވުމުން އެންމެ ބޮޑަށް އުފާކުރަމުން ގެންދާއެއްބަޔަކީ ފަލަސްތީނުގެ ރައްޔިތުންނެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމީ ޚިޔާލުގެ ޙަމާސް ޖަމާއަތުގެ ވެރިކަންއޮންނަ ޣައްޒާގެ ރައްޔިތުން ރޭގައި ވަނީ މަރްސީއަށް މަރްޙަބާ ކިޔުމަށް ޓަކައި ޣައްޒާގެ އެކި ކަންކޮޅުތަކުގައި އުފާފާޅުކޮށް އިޙްތިފާލްތައް ބާއްވާފަ އެވެ.
ޑރ. މަރްސީ މިސްރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަން އިއްޔެ ހަވީރު އިޢްލާންކުރައްވަމުން މިސްރުގެ އިންތިޚާބުތަކާބެހޭ އެންމެ މަތީ ކޮމިޓީގެ ވެރިޔާޖަސްޓިސް ފާރޫޤް ސުލްތާން ވިދާޅުވީ މި މަހުގެ 16 ން 17 އަށް ބޭއްވި މިސްރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ބޭފުޅުންގެ ތެރެއިން ޑރ. މަރްސީއަށް 51.7 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ވާތީ މިސްރުގެ ރައީސް ކަމަށް އޭނާ އިންތިޚާބުވެވަޑައިގެންފިކަމުގަ އެވެ.
މިސްރުންލިބޭ ނުރަސްމީ ޚަބަރުތައް ބުނާގޮތުން މިސްރުގައި ވަގުތީގޮތުން ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލީހުންނާއި މިސްރުގެ ވެރިކަމުގެ ނިޒާމުގައި މިހާރު ތިއްބެވި ބާރުގަދަ ބައެއް ފަރާތްތަކުން މިސްރުގެ އިންތިޚާބުގެ ނަތީޖާއާކުޅެ މަޤާމުން ދުރުކުރެވުނު ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ކޭންޕަށް ނިސްވެވަޑައިގަންނަވާ ޖެނެރަލް އަޙްމަދު ޝަފީޤު ކޮޅަށް އިންތިޚާބުގެ ނަތީޖާ އަނބުރާލުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކުރި އެވެ.
އިންތިޚާބުގެ ނަތީޖާ ނެރުން ފަސްކުރީ މިސަބަބުތަކާ ގުޅިގެން ކަމަށާއި އެ ފަރާތްތަކުގެ މަސައްކަތްތައް ނާކަމިޔާބުވީ މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެމަތީ މަޖިލީހުގެ ބައެއް މެންބަރުން މިކަމަށް ދެކޮޅު ހެއްދުވުމުންނާއި މިގޮތަށް ނަތީޖާ ބަދަލުކޮށްފި ނަމަ ބޮޑުވެގެންވާ ލޭއޮހޮރުވުމެއްގެ ތެރެއަށް މިސްރު ވެއްޓިގެންދާނެ ކަމުގެ އިންޒާރު މިސްރުގެ އިންތިޚާބާ ބެހޭ އެންމެމަތީ ކޮމިޓީގެ ބައެއްމެންބަރުންނާއި މިސްރުގެ ބައެއް ނުފޫޒު ގަދަ ފަރާތްތަކުން ޢަސްކަރި މަޖިލީހަށް ދިނުމުންކަމަށް ވެސް ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ.
މިސްރުގެ ރައީސުލްމުންތަޚަބް، ޑރ. މުޙައްމަދު މަރްސީއަކީ ފިޒިކްސްގެ ރޮނގުން އެމެރިކާގައި ޕީއެޗްޑީ ހެއްދެވުމަށް ފަހު އެމެރިކާގެ ޔުނިވަސިޓީތަކުގަ އާއި މިސްރުގެ ޔުނިވަސިޓީތަކުގައި ފިޒިކްސްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ޢިލްމީ ބޭފުޅެއްގެ އިތުރުން ދީނީ ފިކުރުގެ ބޭފުޅެއްވެސްމެ އެވެ.
އޭނާއަކީ 1953 ގައި މިސްރުގެ ރަސްކަމުގެ ނިޒާމް ވައްޓާލި ފަހުން މިސްރުގެ ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ މަދަނީ ރައީސެވެ. އޭނާގެ ކުރިން ވެރިކަން ކުރެއްވި ހުސްނީ މުބާރަކާއި އަންވަރުއްސާދާތާއި ޖަމާލްޢަބްދުއްނާސިރަކީ މިސްރުގެ ބާރާއި ނުފޫޒު ގަދަ ޢަސްކަރީ މުއައްސަސާއަށް ނިސްބަތްވެވަޑައިގަންންވާ ޢަސްކަރީ ޖެނެރަލުންނެވެ.
ޑރ. މަރްސީ މިސްރުގެ ރައީސްކަމުގެ ޤާނޫނީ ހުވާކުރެއްވުން އޮންނާނީ މި ޖޫން މަސްނިމޭހިސާބުގަ އެވެ. -- ނޫސް އެޖެންސީތައް