15 Aug 2024, 14:59
ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓުބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ދަންނަވައި، އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.
ރައީސްވަނީ މައްލާ ޅަތުއްތު އަވަހާރަވުމާ ގުޅިގެން، އެ މަރުޙޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތާއި މަޣުފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް މައްލާ ޅަތުއްތު ލެހެއްޓެވުމަށް އެދި ރައީސް ވަނީ ދުއާ ދަންނަވާފައެވެ.
މައްލާ ޅަތުއްތަކީ ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ރެފްރީއެއް ވެސްމެއެވެ.
ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށް ފަހު، މައްލާ ޅަތުއްތު ރިޓަޔާކުރެއްވީ 20 އެޕްރީލް 2010ގައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މައްލާ ޅަތުއްތު އަވަހާރަވީ ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއްވީ ފަހުން، މިއަދު އިންޑިއާގެ ޓްރެވެންޑްރަމްގައެވެ.
މައްލާ ޅަތުއްތަކީ، ދިވެހިރާއްޖޭގައި ފުޓްބޯޅަ ރެފްރީކަން، އެންމެމަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ވަރުބަލިވުމެއްނެތި، ދިވެހި ކުޅިވަރުގެ ތަރައްޤީއަށް 52 އަހަރު މައްލާ ޅަތުއްތު ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.
އޭނާ ވަނީ ކުޅިވަރުގެ ރޮނގުން 1990ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2021ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ. އަދި، 2022ވަނަ އަހަރު އޭނާއަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
އޭނާ އަދާ ކުރެއްވި މަގާމުތަކުގެ ތެރޭގައި ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޜަންގެ އިނގިރޭސި ކާތިބުކަމާއި، ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީކަމާއި، އެސްޓީއޯގެ ތަފާތު މަގާމުތަކާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ އެކި މަގާމުތަކުގެ އިތުރުން، ޕަބްލިކް ވާކްސް މިނިސްޓްރީގެ ފައިނޭންސް ސެކްޝަނާއި، މާލޭ ހާބާބެހޭ ސެކްޝަން، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލަހައްޓަވައިފައެވެ.