25 Jun 2012, 09:21
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ގާނޫނުގެ އިމުން ބޭރުން ސިޔާސީ އެކިއެކި ބޭފުޅުންނާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވާ ކަމަށް ކޯޓުތަކުން ކަނޑައެޅި އެވެ. އެދުވަސްވަރު ގާނޫނީ އިމުން ބޭރުން ހައްޔަރުކުރި ސިޔާސީ ބައެއް ބޭބޭފުޅުންގެ ތެރޭގައި މިހާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޔާމީން އަބްދުލް ގައްޔޫމު ހިމެނިވަޑައިގެންނަވަ އެވެ. ރައީސް ނަޝީދުގެ ސަރުކާރުން އެ ބޭބޭފުޅުން ހައްޔަރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް އެބޭފުޅުންގެ ސަބަބުން ނުރައްކާވަމުންދާ ކަމުގެ ތުހުމަތު ކުރައްވަ އެވެ. ނަމަވެސް އެއީ ހަމައެކަނި އެބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކެކެވެ. އެއިން އެއްވެސް ފަހަރަކު އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް އެކަން ސާބިތުކޮށްދެވިފައެއް ވެސް ނުވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާއި ޔާމީން، ރައީސް ނަޝީދުގެ ސަރުކާރުން ހައްޔަރުކޮށްގެން ގެންގޮސް ގެންގުޅެފައި ވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ކޯޓުތަކުން ކަނޑައަޅާފައިވާ އިރު ޔާމީނަށް ހިމާޔަތް ދޭން ކަމަށް ބުނެ އެމަނިކުފާނުގެ ނުރުހުމުގައި ސިފައިން ޔާމީން ހައްޔަރުކޮށްގެން އާރަށުގައި ގެންގުޅުމަށް ފަހު ދޫކޮށްލާފައި ވަނީ ހަފުތާއަކަށް ވުރެ ވެސް ގިނަ ދުވަހަށް ފަހު އެވެ.
އިސް ގާޒީ އަބްދުﷲ ގާޒީ ދޫކޮށްލަން އޭރުގެ ސަރުކާރަށް އެކިއެކި ފަރާތްތަކުންނާއި ބޭރުގެ ފަރާތްތަކުން ގޮވާލުމުން ވެސް އެކަމަށް އޭރުގެ ސަރުކާރުން ދިނީ ބީރު ކަންފަތެކެވެ. އެންމެ ފަހުން އަބްދުﷲ ޣާޒީ މިނިވަން ކުރީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އެވެ.
އެއިރެއްގައި އޮންނަ ސަރުކާރަކާ މަސްލަހަތު ފުށުންއަރާ ބޭބޭފުޅުން އެއްވެސް ގްރައުންޑެއް ނެތި ހައްޔަރު ކުރުމުގެ ސިލްސިލާއެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދުގެ ސަރުކާރުން ވެސް ފަށާފައިވާ ކަމަށް ބައެއް ފަރާތްތަކުން މިހާރު ގެންދަނީ ބުނަމުންނެވެ. މިވާހަކަތައް ބޮޑަށް ދެކެވެން ފެށީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ހެޑްގެ ގޮތުގައި ކުރީގެ ސަރުކާރުގައި މަސައްކަތް ކުރެއްވެވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ހައްޔަރުކުރުމާ ގުޅިގެންނެވެ.
މިސަރުކާރުން ހަމީދު ހައްޔަރުކުރީ ރައީސް ނަޝީދުގެ ސަރުކާރުގެ ދެ ވަޒީރުން ކަމަށްވާ އަމީން ފައިސަލް އާއި މުހައްމަދު އަސްލަމް ލިޔުއްވި "ފުލުހުންނާއި ސިފައިން ހިނގި ބަޣާވާތް" މި ރިޕޯޓަށް ދޮގު މައުލޫމާތުތަކެއް ދެއްވައި ފުލުހުންގެ އިތުބާރު ގެއްލޭގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލާގައި ފުލުހުން ހަމީދު ވަޒީފާ އިން ސަސްޕެންޑްކުރުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން ހަމީދު ގެންގޮސް ދޫނިދޫގައި ހައްޔަރު ކުރި އެވެ. ނަމަވެސް ދޫނިދޫގައި ފަސް ދުވަހު ބެހެއްޓުމަށް ފަހު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މައްސަލާގައި ހަމީދު ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނަ ކަމަށް ބުނެ މިނިވަންކުރި އެވެ.
ހަމީދު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާ އޭނާ ހަވާލުވެ ހުންނެވި އިރު، ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މައުލޫމާތާއި ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު މައުލޫމާތުތަކުގެ އިތުރުން ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
"ކޯޓުން ހަމީދު ދޫކޮށްލި ނަމަވެސް ފުލުހުން ކުރާ ތަހުގީގު ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވި އެވެ.
ހަމީދުގެ އިތުރުން އެމްޑީޕީގެ ރައީސް މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ބަޔާން ނަގާފަ އެވެ. ނަމަވެސް މާރިޔާ ހާޒިރުކޮށްފައި ވަނީ އުސްފަސްގަނޑަށް ފުލުހުން އެރި ދުވަހު މާލޭގެ ހަމަނުޖެހުން ނަގާލުމަށްޓަކާ މާރިޔާ ރައީސް ނަޝީދަށް ގުޅުއްވައި ފުލުހުންނަށް ގެއްލުންދިނުމަށް ރާވައި، އެކަމަށް ހިއްވަރު ދެއްވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ފުލުހުން މާރިޔާ ހައްޔަރުކޮށްފަ އެއް ނުވެ އެވެ. އަދި މާރިޔާ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
މާރިޔާގެ މައްޗަށް ފުލުހުން ކުރި ތުހުމަތުތައް އޭނާ ދޮގުކުރައްވާފައިވާ އިރު ހަމަ ސަރުކާރާ ދެކޮޅަށް އެއްޗެކޭ ބުނާ ކޮންމެ ފަހަރަކު އެމީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން، އޭރު ވެސް މިހާރު ވެސް މާބޮޑު ތަފާތުތަކެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ކުރެވި އެކަމާ ބެހޭ ފުރިހަމަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ނޭޝަނަލް އިންކްއަރީ ކޮމިޝަނުން ކުރަމުން އަންނައިރު ސިޔާސީ އެކިއެކި ބޭބޭފުޅުން ދައްކަމުން ގެންދާ ވާހަކައަކާ ގުޅިގެން ނުވަތަ އެނޫން ވެސް ހާލަތެއްގައި ސާބިތު ނުހިފޭ ކަމެއްގައި އެގޮތަށް ހާޒިރުކޮށް ނުވަތަ ހައްޔަރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ދެކޭ ފަރާތްތައް ވެސް މަދެއް ނޫނެވެ. އެކަމުގެ ސަބަބުން ކުރިއަށް ގެންދާ ތަހުގީގާ މެދު ވެސް ސުވާލު އުފައްދާނެ ކަމެކެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވާ ގޮތުގައި މިސަރުކާރުން ގާނޫނީ އިމުން ބޭރުން އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި އަދި ފުލުހުންގެ އިދާރާއިން ވެސް ފުލުހުންގެ ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފާނެ ކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ.
"ހަމީދުގެ މައްސަލާގައި ވެސް ފުލުހުން އަމަލްކޮށްފައި ވަނީ ފުލުހުންގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން. އަނެއް ކޮޅުން މާރިޔާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ އެދުވަހު އުސްފަސްގަނޑުގައި ހިނގައިދިޔަ މާރާމާރީއަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް، އެއްވެސް ހާލެއްގައި ސިޔާސީ ފިކުރެއް މިކަމުގެ ތެރޭގައި އުޅޭނެ ކަމަކަށް ސަރުކާރުން ނުދެކޭ،" އައްބާސް ވިދާޅުވި އެވެ.
"މިސަރުކާރުން ގާނޫނީ އިމުން ބޭރުން ސިޔާސީ ބޭފުޅުންތަކެއް ހައްޔަރުނުކުރާ ކަމާއި އެކަމުގައި ސިޔާސީ ކަންތައްގަނޑެއް ނޫޅޭ ކަމަށް ސަރުކާރުން ބުނަމުންދާ އިރު އެއް މުއައްސަސާއެއްގެ ތެރޭގައި ވަކި ފިކުރެއްގެ މީހަކު އުޅޭތީވެ އެމީހަކު ހަޒަމްނުކުރެވޭ މައްސަލަ އެބައުޅޭ، މިފަދަ ކަންތައްތަކުން މިސަރުކާރުން ސަލާމަތް ނުވެއްޖެ ނަމަ ތާރީހު އިޔާދަވުން އޮންނާނީ ދުރެއްގައެއް ނޫން،" ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ކޮންމެއަކަށް ޑިމޮކްރަސީ ނިޒާމެއްގެ ދަށުން ގައުމު ހިނގަމުން އައިސް ސިޔާސީ ބޭބޭފުޅުން އެގޮތަށް އެއްވެސް ހަމައެއް ލަމައެއް ނެތި ހައްޔަރުކުން ވެގެންދާނީ ޑިމޮކްރަސީ އަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.