ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ, ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު ރީނދޫ ސަމާލު މިރޭ 19:00އާ ހަމައަށް ދަންމާލައިިފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 08:00 އިން މެންދުރު 13:00އަށް އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނެވެ. އެ އިދާރާއިން މިހާރުވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، މި ރޭގެ 19:00ގެ ނިޔަލަށް އެ ސަމާލު ދަންމާލައިފައެވެ.

މެޓުން ބުނީ، ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލައި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރައި، އަދި ބައެއް ރަށްތަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ހަތް ފޫޓާއި ނުވަ ފޫޓާއި ދެމެދުގައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

މެޓުން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ، ޑިސެންބަރާ ހަމައަށް ދެމިގެންދާނެއެވެ.