ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކުރަން ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މުޅި މަޖިލިސް ކޮމިޓީން މި ބިލު ފާސްކުރުމަށް ފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ބިލު ފާސްކުރަން ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ.

މި ބިލާމެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގަތް 75 މެންބަރުންގެ އިއްތިފާގުން އެ ބިލު ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ.

އެ ބިލުގައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާއަށް ބައެއް އިސްލާހުތައް ހުށަހަޅުއްވާފައެވެ.

އެގޮތުން ޓޫރިސްޓް ރިސޯޓު ހިންގަން ދޫކޮށްފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާނެ ގޮތަށް އިތުރުކުރަން ފައިސާ ދައްކަންޖެހޭ މުއްދަތު ކުރުކުރަން އިސްލާހު ހުށަހެޅިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަގަތުން ނަމަ މުއްދަތު އިތުރުކުރަން ފައިސާ ދައްކަންޖެހެނީ ދެ އަހަރު ދުވަހުގެ މުއްދަތެއްގައެވެ. ނަމަވެސް ހުށަހެޅި އިސްލާހުގައި ވަނީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަ މަހަށް ކުރުކުރުމެވެ.

އެ ގޮތުން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަން ޖެހެއެވެ. އަދި ހަ މަސް ދުވަހުގެ މުއްދަތަށް ފަހު ފައިސާ ދައްކާ ޚަލާސްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު ދައްކަންޖެހެއެވެ.

ހަމައެއާއެކު މި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައްކައިފިނަމަ ކުލީގެ މުއްދަތު އިތުރުކޮށްދޭނެއެވެ. އަދި އޭގެ ފަހުންނަމަ 10 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ހަމަ އެއާއެކު ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް، ޖޫރިމަނާއެއް، ޓެކުހެއް ނުވަތަ ފީއެއް ވާނަމަ އެ ފައިސާ ދައްކާ ޚަލާސްކުރަންވާނެއެވެ. އޭގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ފާސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނައެއް ނުހިމެނޭނެއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރުމާ އެކު މަޖިލީހުގެ ރިޔާސަތުންވަނީ އެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.