ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރުމުގައި މިއަދު ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް، ކާޓޫނު އުފައްދައިގެން ފަތުރުވެރިކަން އިސްތިހާރުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު ހުށަހެޅުއްވި، ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެއާތަކަށް ގޮސް ނެށުމުން ނުފުދޭ ކަމަށެވެ. ޒަމާނާ އެއްގޮތަށް ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޓަކައި ގެންގުޅޭ ވައްޓަފާޅިއާއި އެ ކަމަށް ޓަކައި ބޭނުން ކުރަމުން އަންނަ ވަސީލަތްތައް ވެސް ބަދަލު ކުރަންޖެހޭ ކަމަށް ނަސީރު ވިދާޅުވިއެވެ.

އޭޓީއެމް ފެއާގައި ދިވެހި ރާއްޖޭން ބައިވެރިވުން -- ފޮޓޯ/ އެމްއެމްޕީއާރުސީ

ކާޓޫނު މެދުވެރިކޮށް، މަޑަގަސްކަރަ އިސްތިހާރު ކުރަމުންދާއިރު، ހަމަ އެ ގޮތަށް ރާއްޖެ އިސްތިހާރު ނުކުރެވެންވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވިއެވެ. ކުޑަކުދިންގެ މެދުގައި ރާއްޖެ މަގުބޫލު ވުމަކީ ދިވެހި ފަތުރުވެރިކަމަށް އޭގެ ރަނގަޅު އަސަރުތައް ކުރާނެ ކަމެއްކަން އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ ކާޓޫނު އުފައްދަން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން އެބަޖެހޭ ނީމޯ އުފައްދަން، ނީމޯ އުފައްދައިގެން ރާއްޖޭގެ ކަނޑުތައް ދައްކަން. ކާޓޫނުގެ ޒަރިއްޔާއިން އަޅުގަނޑުމެން އެބަ ޖެހޭ މި ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތް އަބަދުއަބަދު ފެންނާނެ ގޮތަކަށް ބައްޓަން ކޮށްލަން" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޒަމާނީ އެހެނިހެން ގޮތްގޮތުން ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރެވޭނެކަން ނަސީރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ވޯލްޑް ކަޕްގައި ވެސް ރާއްޖެ އިޝްތިހާރު ކުރެވޭނެކަން ފާހަގަ ކުރައްވައި، ކުރިޔަށް އޮތް ވޯލްޑް ކަޕްގައި އެކަން ކުރުމަށް ވެސް އޭނާގެ ވާހަކައިގައި ބާރު އެޅުއްވިއެވެ.

ރާއްޖޭގެ އިގުތިސާދު ފަތުރުވެރި ކަމަށް ބަރޯސާވެފައި އޮންނައިރު، އެ ސިނާއަތް އިޝްތިހާރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޓަކައި އެކިއެކި މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.

ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި 2026ވަނަ އަހަރު ޖުމްލަ ތިން މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.