ވެރިކަން ބަދަލުވުމުގެ ކުރިން ހިނގާދިޔަ ކަންކަމުގެ ބަޔާން ދިނުމަށް އެމްޑީޕީ މެންބަރުން ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގު ކުރަން އުފައްދަވާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަނަށްދާން އެޕާޓީގެ ޗެއާޕާސަން ރިކޯމޫސާ މަނިކު ގޮވާލައްވައިފި އެވެ.

މިރޭ އެމްޑީޕީން އުސް ފަސްގަނޑުގައި ބޭއްވި ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު އެމީހަކަށް ފެނުނު ކަންކަން އެ ކޮމިޝަނަށް ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވެރިކަން ބަދަލުވީ ބާޣާވާތަކުން ކަން އިންކްއަރީ ކޮމިޝަނުގެ ރިޕޯޓުން ސާފުވާނެ ކަމަށެވެ.
~
"ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަން ވަރަށް ބޮޑަށް އަޅުގަނޑުމެނަށް އެނގޭ. އިންކްއަރީ ކޮމިޝަނުން ވެސް ނިމިގެން ދާނީ އެގޮތަކަން ޔަގީން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު ހިނގާދިޔަ ކަންކަން ފެނުނު ގޮތް ތެދު ބަހުން ކިޔާދިނުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި އެމްޑީޕީގެ މެންބަރުން އެ ހާދިސާ ހަނދާން ކޮށްގެން ކޮމިޝަނެއް ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ރިކޯޑިން އޮތް ކަމަށްވާނަމަ ބަޔާން ދޭން ގަސްތުކުރާ ދާއިރާއަކުން އެ އްޗެއް ވިދާޅުވާން ވަޑައިގަންނަވާއިރުގައި އެ ރިކޯޑިން ބެއްލެވުމަށްފަހު ގަޑި އާއި އާއި ވަގުތާއި ހާލަތު ސިފަ ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް،" އެނާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވޮ ދުވަހު ހިނގައިދިޔަ ކަންކަމާއި ވެރިކަން ބަދަލުވުމުގެ ކުރިން ހިނގާފައިވާ ހާދިސާތަކުން ވެރިކަން ވައްޓާލަން ބަޔަކު ރާވާފައިވާކަން ޔަގީންވާ ކަމަށް ވެސް މޫސާ ވިދާޅުވި އެވެ. އަދި މިހާރުގެ ވެރިކަން ބަދަލުވެއްޖެ ނަމަ ބަޣާވާތްކުރި މީހުން ދޫކޮށް ނުލާނެ ކަމަށާއި އެކަމުގެ އަދަބު ދޭނެ ކަމަށް ވެސް މޫސާ ވިދާޅުވި އެވެ.