15 Aug 2024, 10:34
މިހާރު މުޅި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓު އޮފީހުންވަނީ މެދު ރާއްޖޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށް މިއަދު މެންދުރުފަހު 13:00އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.
އަދި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހަމައެއާއެކު ދެކުނުގެ އަތޮޅުތަކަށް މެންދުރު 13:00އާ ހަމައަށް ހުދުސަމާލު ވަނީ ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދަށް ވައިބާރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އޭގެ އިތުރުން ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފައެވެ. މުޅި ރާއްޖޭގެ އެތައް ރަށަކަށް ވިއްސާރައިގެ ގެއްލުން ކުރިމަތިވީއިރު މާލޭ 23 މީހަކަށް ވަގުތީ ހިޔާވަހިކަން ވެސް ވަނީ ދީފައެވެ.
އަދި، ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނީޓާކޮށް އަވަސް ހައްލެއް ހޯދުމަށް އެ މަނިކުފާނު އިސްކޮށް ހުންނަވައި ޓާސްކް ފޯހެއް ވަނީ އެކުލަވާލައްވައިފައެވެ.
މެޓުން ބުނި ގޮތުގައި މިއީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިހާރު މި ކުރާ ގަދަ ވިއްސާރަ އަލިވި ނަމަވެސް ހުޅަނގު މޫސުން ޑިސެމްބަރާ ހަމައަށް ދިގުލައިގެން ދާނެ ކަމަށް އެ އޮފީހުން މީގެކުރިން ބުނެފައިވެއެވެ.