"ކިތަންމެ ކުޑަ ކަމެއްވިޔަސް ﷲ ތައާލާގެ މަދަދަށް އެދި ދަންނަވާށެވެ."

***

މަދީނާ ގެ އަތުގައި އޮތް ފޮތް މީކާއިލް ހޯދި އިރުވެސް މަދިނާ އަށް ރޭކާ ނުލައެވެ. މީކާއިލްގެ ލޮލަށް ގެއްލިފައި ހުރެވުނީއެވެ. މުޅި ތަން އެއްވަސް ކުރުވާ ފަދަ އޫދް ވަހެކެބެ. އިސްކޮޅުން ދިގު ވެފައި ރޫފަ ފިރިހެންވަންތައެވެ. ސިކުންތަކަށް ދެމީހުންގެ ނަޒަރު ދިމާވިޔަސް މިކާއިލް އޭނާގެ ބެލުން ތިރި ކުރިއެވެ.

" ޤުރުއާން ގެ އާޔަތްތައް ލިޔެވިފައި އޮތް ފޮތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ....." ކެނާންގެ އަތަށް ފޮތް ދިއްކޮށްލަމުން މިކާއިލް ބުނެލިއެވެ. މަދީނާގެ މޫނު ރަތް ވިއެވެ. އޭނާއަށް ހުރެވުނު ތަންވެސް ހަނދާން ނެތުނެވެ.

" ސޯ ބޮސީ..." މަދީނާ ރަކިވީވަރުން ކުދި ކިޔާލެވުނެވެ. އެވަގުތު މިކާއިލް އެނބުރި ބަލައިލާފައި މަދީނާއާއި ދިމާލަށް ލޯ އަޅާލެވުނެވެ. ކީ އެއްޗެއް ނޭނގުނަސް އެ ބުނި އެއްޗެއް އެނގެން ބޭނުންވިއެވެ. މަންޒަރު ބަލަން ދުރުގައި ދޮރު ކައިރީ ފާރަށް ލެނގިލައިގެން އިން މެހެކް އަށް ހެވުނެވެ. މީކާއިލް އާއި މަދިނާ ކުޑަ އިރު ސަކަރާތް ޖަހައި އުޅުނު ހަނދާންތައް އާވިއެވެ. އޭރު ދެކުދިން ޓޮމް އެންޑް ޖެރީއެކޭ ތަފާތެއްނެތެވެ. އެކަކު އަނެކަކަށް ގޯނާކޮށް އުޅެފައިވެސް އެހާ އަވަހަށް އެކުވެރިވެދެއެވެ. މިހާރު އެ ދެމީހުންގެ ދެމުދުގައި އޮންނަނީ ބަސްމަދުކަމާއި ލަދުރަކި ކަމުގެ ފަރުދާއެކެވެ. ދުރުގަިއ ބަލަން ތިބޭ މީހުންނަށް ވެސް މަޖާ ކަމެކެވެ. މަދީނާ އަވަސް އަރުވާލާފައި ހިނގައިގަތީ އޭނާ ބޭނުންވި ކަންތައް ހާސިލް ނުވުމުން ރުޅީގައެވެ. އިތުރު އެހެން ގޮތަކަށް ފޯނެއް ހޯދުމުގެ ނިޔަތުގައެވެ.

"އާ....އައުޗް....މީތި މިތާ ބެހެއްޓީ ކޮން މޮޔައެއްތަ؟" މަދީނާގެ ފައިގެ ކުޑަވާއިނގިލި ޖެހުނީ އެތާ ހުރި ބޮޑު ބަރެއްގައެވެ. ޖިމަށް ގޮއްސަ އައި މިކާއިލްގެ ޑަމްބެލް ގައެވެ.

" ތަދުވީތަ؟" މީކާއިލް އަށް އަހާލެވުނީ ބޭއިޚުތިޔާރުގައެވެ.ކެނާން ވެސް އަވަސްވެގަތީ މަދީނާއަށް އެހީތެރިވުމަށެވެ.

"ނޫނޭވާ ހާދަ ފަސޭހައެކޭ...." މީކާއިލްގެ ލޮލަށް ހަރައިލި ތޫނު ތީރެއްފަދަ ބެލުމަކާއި އެކު މަދީނާ ރުޅިން ރަތް ވެފައި ހުރެ ބުނެލިއެވެ. ކެނާން އަށް ހެވުނަސް ކެއްސާލާ ކަމަށް ހަދައި މަދީނާ ގެ ފައިގައި ފިރުމާލަދިނެވެ.

" ހޫން ކުޑަބެ އަށް ވެސް މަޖާ ދޯ....އައި ނޯ އޭ...ޔޫ ލާފްޑް....ވަރިހަމަ...ވަރަށް ފޫހި ވޭ...ދެންވެސް މީތި ގަނޑު މިތަނުން ނަގާބަލަ މީހަކަށް ބޮޑު އަނިޔާއެއް ނުވަނީސް...ސޮރީ މީހަކަށް މިހާރުވެސް ނުލާހިކު ބޮޑު އަނިޔާއެއް ލިބިއްޖެ...." އެންމެ ފަހު ޖުމްލައާއެކު އަނެއްކާވެސް މީކާއިލް އަށް ލޯ އަޅައިލިއެވެ. މީކާއިލް އަށް ބަލަހައްޓައިގެން ހިނދުކޮޅަކަށް ހުރެވުނުއިރު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

" ބައެއް މީހުން އެބަ ޖެހޭ ލޮލުގަ އިތުރު ލެންސް އެއް ލައްވަން....ނޫނީ ވެދާނެ އޭގެ ނަންބަރު އެކްސްޕަޔާ ވީ ކަމަށްވެސް...." މީކާއިލް މަޖާ ރާގެއްގައި ބުނެލީ ނުސީދާކޮށް މަދީނާއަށް ނިސްބަތްކޮށްފައެވެ. ކެނާން އަށް ބަލަހައްޓައިގެން ހުރެއެވެ. ދާން ހިނގައިގެންފައި އިން މަދީނާ އެނބުރި މިކާއިލް އާއި ދިމާއަށް އައީ އިނގިލި އިސް ކުރަމުންނެވެ. ހީވީ ކުޑަ ބުޅަލެއް ފުންމައިގެން އައީހެންނެވެ.

" ޔޫ....މީކާއިލް އަހްމަދް....މާފަންނު ޑައިމަންޑްވާދީގެ......." ގުން ފައި ޖަހާފައި އައި މަދީނާ ގެ އިސްކޮޅު ކުރުކަމުން މީކާއިލް އާއި ދިމާ އަށް އިސްއުފުލައި ބަލަން ޖެހުނީ ކަނދުރާ އިތުރަށް ދިގު ކޮށްލައިގެންނެވެ.

"މަރްޔަމް މަދީނާ ނާޝިދް ...ހެންވޭރު މާޒްވިލާ...." މީކާއިލް ވެސް ލޯ ހިމަ ކޮށްލާފައި ދެއަތް ފުރަގަހަށް ލައިގެން ހުރެ މަދީނާގެ ނަން ކިޔާލީ ހަރުކަށިއަޑަކުންނެވެ. ކެނާން ވެސް ފުން ނޭވާ އެއް ދޫކޮށްލައި މެހެކް އަށް ބަލައިލީ މިވަގުތު ހިނގަން އުޅޭ ކޯޅުން ގަނޑު ހުއްޓޭނީ މެހެކް އަށް އެކަނި ކަމުގައި ވާތީއެވެ.

" ކޮބާ ޓައިމްއައުޓް.....އަވަސް އަވަސް....މިކުދިން ބޮޑެއް ނުވެޔޭ ދޯ އަދިވެސް....ފުރިހަމަ ނަމާއި އެޑްރެސް ކިޔާލާ އިރުވެސް ހީވަނީ ކޯޓެއްގެ އިސް ގާޒީންތަކެއް ހެން " މެހެކް ޗުސް ކަނޑާލަމުން އައިގޮތަށް މީކާއިލް އާއި މަދީނާގެ ދެމެދަށް ވަނެވެ. އަދި މަދީނާ ގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. މިކާއިލް އެއްޗެއް ބުނަން އަނގަ ހުޅުވުމުން މެހެކް އޭނާގެ ގައިގައި ވިކާލިއެވެ.

"އައުޗް...." މީކާއިލް އަށް ބުނެވުނެވެ. މަދީނާއަށް ހެވުނެވެ. ނަމަވެސް މެހެކް ކަރުކަހައިލުމުން އަވަހަށް ބަސްއަހައިގެން އޭނާއާއި އެކު އެތަނުން ދިޔައީއެވެ.

"މަދީނާ މީހާދަ ވަރެއްގެ ކުއްޖެކޭ....ހަމަ އެ ސިނގުރުޅި ގަނޑު އަދިވެސް....ލޯ އަޅާލަނީވެސް ކިހިނެއް....ހީވަނީ ކާލަފާނެހެން....ދެން އެހާ ތަދެއްވެސް ނުވާނެ އޭ ހަމަ އެކްޓް....ޑްރާމާ ގާލް..." މީކާއިލް ސޯފާއަކަށް ވެއްޓިގަތެވެ. މަދީނާ އަށް ތަދު އިހުސާސް ކުރެވުމުން ހިތުން ދެރަ ވިޔަސް މެހެކް އެކަން ރަނގަޅަށް ބަލާނެ ކަމުގެ އިތުބާރު ހިތުގައި އޮތަތީ ހާސްކަން ކުޑަވިއެވެ.

"ހެއި....ދެޓްސް މައި ސިސްޓަ....ކިހާ ލޯބި އެ މަންޖެ....ނުލާހިކު އިނޮސެންޓް....މީކާ ވެސް ޖެހޭތަ އެތާ ޑަމްބެލް ބާއްވަން....އަސްލުވެސް ވަރަށް ތަދުވާނެ..." ކެނާން ހެވިފައިހުރެ ޑަމްބެލް އެތަނުން ދުރުކޮށްލިއެވެ. މީކާއިލް ޗޮކެއް ކަނޑާލައި ޖެއްސުމުގެ ރާގެއްގައި ހުނެވެ. ނަމަވެސް ކެނާން މަދީނާއަށް ކުރި ތައުރީފާއި މެދު ހިތުން އެއްބަސްވެވުނު ކަން ހާމަ ކުރަން ބޭނުން ނުވިއެވެ.

" ކިހިނެއްވީ....ހާދަ ނޫން ކަމަށް ހެދިފަ....އައި ނޯ ދެޓް ލުކް....." ކެނާން އަށް ފޮރުވައެއްނުލެވުނު ކަން އޭނާ ހާމަ ކުރީ ދަތްތައް ދިއްލިފައި ހުރެއެވެ. މީކާއިލް އެ މައުޟޫ އޮޅުވާލަން އަވަހަށް ފިޤްހު ކްލާހުގެ ފިލާވަޅުތަކުގެ ވާހަކަ ދައްކަން ފެށިއެވެ.

"ބަލަ....ކިހާ ދުޅަވެފަ....ދޮންބެ ހުރިނަމަ...އައި މިސް ހިމް ސޯ މަޗް....އުރޫޖްގެ ވެސް ހަބަރެއްނުވޭ...މިހާ ބޮޑަށް ރިއްސައި ތަދު އަރަނީވެސް އެހެންވެ ކަންނޭނގެ...." މަދީނާގެ ފައިގައި އައިސް ޕެކް އަޅަން އިން މެހެކް ގެ މޫނަށް ނަޒަރު ހުއްޓައިލަމުން ހިތާމަވެރި ރާގެއްގައި ބުނެލިއެވެ. މެހެކް އަށް ހެވުނީ މަދީނާ ޖައްސަން އުޅޭ ޑްރާމާ ރަނގަޅަށް އެނގި ހުރއެވެ. އޭނާގެ ހިތް ކިތަންމެ އެދުނަސް ހުޝަލް އެކަން މަނާ ކޮށްފައި އޮތް ކަމެއް ކުރަން ފަސްޖެހެވުނީއެވެ.

" ޑްރާމާ ކްއީން....އެކަމު އެނގެއެއްނު ހުޝަލް އާއި އަންކަލް ވެސް ވަރަށް ސްޓރިކްޓްލީ މަނާ ކޮށްފަ އޮތް ކަމެއް ކަން.....އެހެން ނޫނަސް މާޒްމެން މިކޮޅަށް ގެނެވޭތޯ އެ އުޅެނީ...އައުމުގެ ކުރީން އެމީހުންނަށް މިކޮޅުގެ ހާލަތު އޮތް ގޮތް އެނގިއްޖެއްޔާ މާޒް ރުޅިން ނައިސް ވެސް ހުރެދާނެ......ގުޅުން ވެސް ކަނޑާލަފާނެ....." މެހެކް ގެ ހަށިގަނޑުގެ ތެރެއަށް ފިނި ހީގަނޑެއް ވަނެވެ. އެއްވެސް ގޮތަކަށް މި މައްސަލަ ގޯސް ވުމަށް އޭނާ ނޭދޭތީވެ ބިރުގަތީއެވެ. މަދީނާ އަށް އުދަގޫ ވިޔަސް މެހެކް އެބުނަނީ ރަގަޅު ވާހަކައެއްކަން ވިސްނެއެވެ.

"ހްމްހްމް...ދެން ބައްޕަ ގެ ނަން ލާފަ ކިޔާނެ ކަމެއް ނެތް...ތި ހަމަ ތިބުނާ ހުޝަލް ޗުޗަލް ބުނީމަ ހަމަ..."މަދީނާ ތުން ހަދާލައި މެހެކް އާއި ދިމާއަށް ބުނެލީ ވަރަށް މައުސޫމު ގޮތަކަށެވެ.

"ދެން.....މަދީނާގެ ތުއްތުބެ އެއް ނު.....ބުނާނަމޭ..." މަދީނާގެ ކޯތާފަތުގައި ހިފާލަމުން މެހެކް މުސްކުޅި ރާގެއްގައި ބުނެލިއެވެ. މަދީނާ ނުހޭން ހުރި ނަމަވެސް ހެވުނެވެ. ހުޝަލް އާއި ދިމާއަށް މީހަކު ނުރުހުމުގެ ބަހެއް ބުނަން ނޭދޭކަން އެލޮލުން ހާމަ ވާތީއެވެ.

" އަޅެ އުރޫޖް ވަރަށް މިސް....އުރޫޖް ވެސް ބްލަޝް ކުރާއިރު ހަމަ އެސްފިޔަ ޖަހާނެ ވަރަށް ހަލުވިކޮށް......ތުންފަތް ކޮޅުވެސް ލަދުން ރަތް ވެފަ އިންނާނީ....ހަމަ ވަރަށް ވައްތަރު....ލޯންގް ލޮސްޓް ސިސްޓާ އެއް ކަންނޭނގެ ދޯ...."

މެހެކް ގެ ހިތުގެ ތެޅުން ބާރުވިއެވެ. އޭނާއަށް އިހުސާސްވީ އުފާތައް ހިއްސާކުރަން ބޭނުންވީ ހަމަ އެކަނި މަދީނާއަކަށް ނޫނެވެ. އެންމެނަށެވެ. އިންތިޒާރު ކުރެވެނީ އެފަދަ ވަގުތެއް އަވަހށް އައުމަށެވެ.

***

މާޒިމް ގެ ފަހަތުން ދުވެފައި ދިޔަ އުލްފާ އާއި ޝާނީ އެހިސާބަށް ފޯރިއިރު ނޭވާކުރުވާގޮތްވިއެވެ. ނޭވާ ހަމަޔަކަށް އަޅަން މަސައްކަތް ކުރަމުން އެ ދެ އެކުވެރިން މާޒިމް ހުއްޓުވިއެވެ. މާޒިމް އޭނާއަށް އެހާ ވަގުތެއް ނެތޭ ބުނެ ދާން އަވަސް ވިއެވެ.

" މިވަގުތު ނޫން...." މާޒިމް ރުޅި މަތަކުރަން މަސައްކަތް ކުރި ނަމަވެސް ބުނެވުނީ ބާރަށެވެ. އޭނަވެސް ފުން ނޭވާ އެއް ދޫކޮށްލައި ހަމަޖެހެން މަސައްކަތް ކުރިއެވެ.

" ނޫން ވަރަށް މުހިންމު..ބުނަން ވާހަކައެއް. ސިއްރެއް....ޑޮކްޓަރ މާޒްއަށް އެނގުން ވަރަށް މުހިއްމު. މިހާރުވެސް ލަސްވެއްޖެ. އެނގޭތަ؟ޑޮކްޓަރ މާޒް ގެ އަންހެނުންގެ މާމަ ގެ ގާތިލަކީ....... ފަރަހް...." އެ ސިއްރުފާޅުކުރަން އިސްނެގީ ޝާނީ އަށެވެ. އޭނަވެސް ހުރީ ޖެހިލުންވެފައެވެ. މާޒިމް ކާރު ދޮރު ހުޅުވާލައި އަރަން ފައި ނަގާފައި ވެސް އެނބުރުނެވެ. ސިހޭގޮތްވިއެވެ. އެ އިވުނީ ހަމަ ރަނގަޅަށް ކަން ޔަގީންކުރަން އެ ދެމީހުންގެ މޫނަށް ބަލައިލިއެވެ.

"ކީކޭ....ހައު...ވަޓް.." މާޒިމްގެ ބޮލުގައި މީހަކު އެތިފަހަރަކުން ޖެހިހެން ހީވިއެވެ. ދުނިޔެވެސް އެފުށް މިފުށަށް ޖެހުނުފަދައެވެ. އަމާން އޮމާންކޮށް އާ ދިރިއުޅުމެއް ފަށައިގަތީ މިފަދަ އުދަބާނިއެއް އަރާފާނެ ކަމުގެ ހިލަމެއްވެސް ނެތިއެވެ. އިރުކޮޅަކުން އެ ބިރާއި ސިހުން ފިލާ ރުޅިވެރިކަން ޚިޔާރުކުރިއެވެ. ބިރުގެންފާ ހުރި އުލްފާ އަށް ވާހަކަ ދައްކަން ނުކެރިފައި ހުރި ނަމަވެސް މާޒިމް ގެ ބާރުގަދަ ދެއަތުން އޭނާގެ ކޮނޑުގައި ހިފައި ފިތާލިއެވެ. ޝާނީ މަސައްކަތް ކުރީ އެ ނުތަނަވަސްކަން ފިލުވާ މާޒިމް ހަމަޔަކަށް އެޅުވުމަށެވެ. ކާރަށް އަރާފައި ހުރިހާ ވާހަކައެއް ކިޔައިދޭން އެއްބަސްވީ އެތަށް އާދޭހާއެކުއެވެ. އުލްފާގެ ލޮލުން ކަރުނަ ނުހިކެއެވެ. ހަމައެކަނި އެދެވުނީ މާފްކުރުމަށެވެ.

"އަޅުގަނޑަށް ވެސް ފެނުނީ މާލަހުން....ވަރަށް މަސައްކަތް ކުރިން ފަރަހް އާއި ވާހަކ ދައްކައިގެން ވެސް ވިސްނަދޭން...އަޅުގަނޑުގެ ފޯނުގަ ހުރި ހުރިހާ ހެއްކެއް އެކަމަކު އެ ދުވަހު މަޖުބޫރުން ފަރަހް..."އުލްފާ ރޮމުން ކިޔައިދިނެވެ. މާޒިމް އޭނާގެ އަތް މުށްކަވާލައި ޖެހީ ސީޓުގައެވެ.

" އައި ވިލް ކިލް ހާ....." މާޒިމް ގެ އަޑުގައިވީ ހަރުކަށިކަން އެ ދެމީހުންވެސް ސިއްސުވާލިއެވެ. ކާރު ދުއްވާލީ ގެއާއި ދިމާއަށެވެ. އެ ދެމީހުންވެސް ކާރުގެ ފަހަތު ސީޓުގައި ތިބީ ތުރުތުރު އަޅާ ހާލުގައެވެ. ކާރުގެ ދުވެލި މަޑުކުރަން އެދުމުންވެސް އިތުރަށް ކުރީ ބާރެވެ. މާޒްވިލާގެ ގޭޓުކައިރިއާއި އަރާހަމަވެފައި ބުރަކި ހިފައިލިގޮތުން މުޅި ތަނަށްވެސް އަޅި ބުރައިގެން ދިޔައެވެ. މާޒިމް އެ ދެމީހުންނަށް ވެސް އަމުރުކުރީ ގެއަށް ވަނުމަށެވެ. ގެއަށް ވަން ވަގުތު ސޯފާގައި އުރުޖުވާން އިނީ އިންތިޒާރުގައެވެ. އޭނާގެ ދަބަސްތައް ތައްޔާރުކޮށްގެންނެވެ. އަހްމަދު އަތް ފަހަތައް ލައިގެން ތަންކޮޅެއް ދުރުގައި ހުރިއިރު ލޮލުން ފެނުނީ ރުޅިވެރިކަމެވެ. މާޒިމް ފަހަތަށް އެނބުރި އުލްފާ އަށް ލޮލުގެ އިޝާރާތުން ހުރިހާ ހަގީގަތެއް އުރުޖުވާން އަށް ކިޔައިދިނުމަށް އެދުނެވެ. ވާނުވާ ނޭނގިފައިއިން އުރުޖުވާން ބަލައިލީ އަހްމަދަށެވެ.

" ކިޔައިދޭށޭ....." މާޒިމް ގެ އަޑު ގުގުމާލިއެވެ. ވާހަކަ ދައްކަން އުނދަގޫ ވެފައި ހުރި އުލްފާ ސިހިފައި ވާހަކަ ދައްކަން ފެށިއެވެ. އުރުޖުވާން އަށް ވެސް ސޯފާ އިން ތެދުވެ އޭނާ އާއި ދިމާއަށް ދެވުނީ މާޒިމް ރުޅިގަދަވެގެން އުލްފާގެ ގައިގާ ޖަހާފާނެ ކަމަށް ހިތާއެވެ. އުލްފާ ހުރިހާ ސިއްރެއް ހާމަކޮށް ނިމުނުއިރު އުރުޖުވާންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތަކާއެކު ހިތް ގޮވަމުންދިޔައީ މާޒިމްގެ ހިމާޔަތަށް ދިޔުމަށެވެ. އަހްމަދުގެ ހަނދާނަށް އައީ އޭނާ އާއި ނާޝިދު ދެކެވުނު ވާހަކަތަކެވެ. ޖައިލަމް އާއި ބައްދަލުވުމަށްފަހު ނާޝިދު އަށް ވެސް އެ ސިއްރު އެނގިފައިވާ ކަން އޭނާގެ ހިތް ބުނަމުންދިޔައެވެ.

" އައި ވިލް ކިލް ހާ ފޯ ޝުއަ...." މާޒިމްގެ ލޮލުގައިވީ ޔަގީންކަމަކުން އުރުޖުވާންގެ ގައިން ހީބިހި ނަގައިދިޔައެވެ.

ނުނިމޭ