މިރޭ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ 22:00 އިން މެންދަމުގެ 02:00އަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހުން އެކަށީގެން ވާކަމަށެވެ. އަދި ވަލާގަނޑަކު ގަޑިއަކު 50 މޭލަށް ވައި ގަދަ ވާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އިއްޔެ މުޅި ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން، ހެނދުނުން ފެށިގެން މާލެއަށް ވާރޭވެހި، ފެންބޮޑުވުމުން ބައެއް ގެތަކަށް ފެންވަދެ ދަތުރުފަތުރަށް ވެސް ބުރޫއެރިއެވެ.

މެޓް އޮފީހުން މިއަދާއި މާދަމާ ވެސް ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. އަދި، ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނީޓާކޮށް އަވަސް ހައްލެއް ހޯދުމަށް އެ މަނިކުފާނު އިސްކޮށް ހުންނަވައި ޓާސްކް ފޯހެއް ވަނީ އެކުލަވާލައްވައިފައެވެ.