މިހާރު ހިނގަމުންދާ ޔޫކްރެއިން ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކުރުސްކު ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ ސަރަޙައްދަށް ނުރައްކަލުގެ ބިރު އޮތުމުން، މިނިސްޓްރީ އާއި ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރުސްކު ސަރަހައްދުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މިދަނޑިވަޅުގައި، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހިން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

"އެ ސަރަޙައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އިލްތިމާސްކުރަން،" އެ ބަޔާނުގައި ވެއެވެ.

ރަޝިޔާގެ ކުރުސްކުގައި އޮތް ނުރައްކަލުގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

  • ފޯން: 61 164 129 17 49+

  • ހޮޓްލައިން: 60 738 200 30 49+
  • އީމެއިލް:[email protected]

މެޑިސިން ކިޔަވާ ގިނަ އަދަދެއްގެ ރާއްޖެ ދަރިވަރުން ކުރުސްކުގައި ދިރިއުޅެއެވެ. ނަމަވެސް، އެ ގައުމުގައި ވިގުތު ތިބީ ކިހާ އަދަދެއްގެ ދަރިވަރުން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ މެދުގައި ކުރިއަށްދާ ހަނގުރާމައިގައި، ޔޫކްރޭއިނުން ހަމަލާތައް ވަރުގަދަކޮށްފައި ވަނީ، ރަޝިއާއިން ހިފާފައިވާ އެގައުމުގެ ބިންތައް އަނބުރާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ދަށުންނެވެ.