24 Jun 2012, 16:41
ދަށު ކޯޓުތަކުގެ ހުކުމްތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ތަންފީޒު ނުކުރުމަށާއި އެކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ނުދޭން ރައީސް މުހަންމަދު ނަޝީދު، ނެރުއްވަން އުޅުއްވި ކަމަށް ބުނާ ގަރާރާއި ގުޅިގެން ނަޝީދާ މެދު ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވައްދައިފި އެވެ.
މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު އަދި ގައުމީ ޕާޓީގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު މަޖިލީހަށް ވެއްދި ގަރާރުގައި ބުނަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވި، ރައީސް މުހަންމަދު ނަޝީދު، ވެރިކަމުގައި ހުންނަވައިގެން ރާއްޖޭގެ ދަށު ކޯޓުތައް އުވާލާ، އެއްވެސް ކޯޓެއްގައި ފަނޑިޔާރުން އެއްވެސް މައްސަލައެއް ނުބަލަން އަންގައި، އެ ފަނޑިޔާރުން ކުރާ ހުކުމްތައް އެއްވެސް މުއައްސަސާއަކުން ތަންފީޒު ނުކޮށް ފަނޑިޔާރުންގެ މުސާރައާ އިނާޔަތްތައް ނުދޭން އުޅުއްވި މައްސަލަ ތަހުގީގުކޮށް ނަޝީދާއި އެކަމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ހަރުކަށި ފިޔަވަޅު އެޅުމަށެވެ.
~
އެކަމަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ޝަރުއީ ނިޒާމްގެ ބާރު އުވާލުން ކަން އެނގޭ ކަމަށާއި ނަޝީދު އެކަން ކުރައްވަން އުޅުއްވީ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ކަމަށް ވެސް ގަރާރުގައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ ނަޝީދު ނެރުއްވަން އުޅުއްވި ގަރާރު ހަގީގަތަކަށްވި ނަމަ އަދުލު އިންސާފު ގެއްލި އެތައް ބައެއްގެ ހައްގު ގެއްލިގެންދާނެ ފަދަ ހާލަތަކަށް ރާއްޖެ ގޮސް ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، އެތައް ޒަމާނަކަށް ގެއްލުން ދެމިގެންދާނެ ކަމަށެވެެ.
ރިޔާޒް މި ގަރާރު މަޖިލީހަށް ފޮނުވިއިރު ނަޝީދުގެ ވެރިކަމުގައި ކުރައްވާފައިވާ ގާނޫނާ ހިލާފު ކަންތައްތައް ބަލައި ފިޔަވަޅު އެޅަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ވަނީ އެފަދަ ގަރާރެއް ވައްދާފަ އެވެ.
އެ ގަރާރު އޮއްވާ މިފަދަ ގަރާރެއް ހުށަހެޅުއްވުމާ ބެހޭ ގޮތުން ރިޔާޒު ވިދާޅުވީ ޖާބިރު ހުށަހެޅުއްވި ގަރާރަކީ ތަފާތު ގަރާރެއް ކަމަށާއި މިގަރާރު ވައްދަން ޖެހެނީ މުޅި ޝަރުއީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ބޮޑު ޖަރީމާއެއް ހިންގަން ނަޝީދު ނިންމާފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހުގައި ބެލި މަޖިލީހުގެ ޔައުމިއްޔާގައި ރިކޯޑް ކުރެވިފައި އޮންނަން ޖެހޭނެތީ ކަމަށެވެ.
"މިއީ މުޅިން ތަފާތު މައްސަލައެއް. މި މައްސަލައަކީ ރާއްޖޭ ޖުޑީޝަރީ ފުނޑާލަން ނިންމައިފައި އޮތް އޮތުން ބަލައި ނަޝީދާއި އޭނަގެ ބައިވެރިނަނަށް ފިޔަވަޅު އަޅަން ހުށަހެޅި މައްސަލައެއް. މި މައްސަލައަކީ ކޮންމެ ގޮތަކަށް ދިޔައަސް ރިކޯޑަށް ޓަކައި ވެސް މަޖިލީހަށް ވަންނަން ޖެހޭ މައްސަލައެއް. އަޅުގަނޑު ބަލާލަން ބޭނުންވޭ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށް އިދިކޮޅު މެންބަރުންނަށް މި މައްސަލަ ބަލައިލަން ކެރިވަޑައިގަންނަވާތޯ،" ރިޔާޒު ވިދާޅުވި އެވެ. "އަދި މި ނިމުނީއަކީ ނޫނޭ މިކަހަލަ ކިތަންމެ ގަރާރެއް ނަޝީދާ ދެކޮޅަށް އަޅުގަނޑު ވައްދާނަން. އެއީ އެނާ ކުރައްވާފައިވާ ގާނޫނާ ހިލާފު މިފަދަ ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުން ބެލެން ޖެހޭނެތީ އާއި ނުބެލުނަސް ތާރީހަށްޓަކައި ވެސް މިކަން ކުރަންޖެހޭ،"
ނަޝީދުގެ ވެރިކަމުގައި ޝަރުއީ ދާއިރާ އަށް އަމާޒުކޮށް ނެރުއްވަން އުޅުއްވި ދެ ގަރާރެއް ވަނީ ލީކްވެފަ އެވެ. އޭގެ ތެރެއިން އެއް ގަރާރު ނެރެން ނިންމީ ޝަރުއީ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް ދިރާސާކޮށް ފާހަގަކުރުމަށްޓަކައި ޖުޑީޝަލް ރިފޯމް ކޮމިޝަނެއް އެކުލަވާލެއްވުމަށެވެ.
ނަޝީދު ޖުޑީޝަލް ރިފޯމް ކޮމިޝަނަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ހަތަރު ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތު މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އަހުމަދު މުއުތަސިމް އަދުނާނާއި ހައި ކޯޓުގެ އިސް ފަނޑިޔާރުގެ ހައިސިއްޔަތުން އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފު އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގދ. ތިނަދޫ އަލިދޯދި އަހުމަދު އަބްދުﷲ އަފީފެވެ.
ނަޝީދު ނެރުއްވަން އުޅުއްވެވި ދެވަނަ ގަރާރަކީ ދަށު ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުވާލުމުގެ ގަރާރެވެ.