18 Aug 2010, 14:04
19:00
ހިއުމަން ރައިޓްސް ކޮމިޝަންގައި ހުސްކޮށް އޮތް ދެ ޖާގަ އަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފެނިވަޑައިގަންނަވާ އިތުރު ހަ ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ބޭފުޅުންނަކީ ކުރިން ވެސް، ދީނީ ބޭފުޅެއްގެ ގޮތުން، އެ ކޮމިޝަންގައި ހިމެނިވަޑައިގެންނެވި އަޙްމަދު ޢަބްދުލްކަރީމުގެ އިތުރުން އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދުގެ ކޮއްކޯފުޅު ހ. ސީސައިޑް، ޑރ ޢާއިޝަތު ޢަލީ ނާޒާއި، ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމުގެ ނައިބުގެ މަގާމުގައި ހުންނެވި ހ. މެރިންވިއު، ޑރ. ޢަލީ ޝަމީމާއި މ. ލައިޓްވިޔު، މަޒީނާ ޖަމީލާއި ޏ. ފުވައްމުލައް، މައުނާ، އިބްރާހީމް ހުޒާމާއި ޢަލީ އަޝްރަފް، ދަފްތަރު 3366 އެވެ.
ރައްޔިތުންގެ މަޖިލިސްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި އެ ހަ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައި ވެ އެވެ.
މި ހަ ބޭފުޅުންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މި ފޮނުއްވީ، ހިއުމަން ރައިޓްސް ކޮމިޝަނަށް ފަސް ބޭފުޅުން ޢައްޔަން ކުރެއްވުމަށް ރައީސް ކުރިން ފޮނުއްވި އަށް ނަންފުޅުގެ ތެރެއިން މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވާފައި ވަނީ ތިން ނަންފުޅު ކަމަށް ވާތީ އެވެ.