14 Aug 2024, 12:57
އާދަޔާ ޚިލާފަށް މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި 89 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށާއި، އެންމެ ގިނައިން އިއްޔެ ވާރޭވެހުނީ މާލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މެޓް އޮފީހުގެ ހިސާބުތަކުގައިވާ ގޮތުން މާލެއަށް އިއްޔެ ވަނީ 89.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އިއްޔެ ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑުއަށެވެ. އެ ގޮތުން 70.6 މިލިމީޓަރުގެ ވާރޭ އެ ރަށަށް ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ހުޅުލެއަށް ވެހިފައިވަނީ 63.4 މިލިމީޓަރުގެ ވޭރޭއެވެ.

މާލޭގައި ފެންބޮޑުވުން -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އިއްޔެ މާލެއަށް 80 މިލިމީޓަރުގެ ވާރޭވެހުނުއިރު، އާންމު ގޮތެއްގައި މާލެ ސަރަހައްދަށް 40 މިލިމީޓަރުގެ ވާރޭ ވެހުނަސް ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ ކަމަށެވެ.
މެޓު އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ މެންދުރު 12:00 އިން ފެށިގެން މެންދުރު ފަހު 15:30ގެ ނިޔަލަށް 89 މިލިމީޓަރުގެ ވާރޭވެހުނުއިރު، އެއީ ރާއްޖޭގެ ނިސްބަތަށް ބަލާއިރު، ވަރަށް ގިނަ އަދަދެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: މާލޭ ސަރަހައްދަށް އިއްޔެ ވަނީ އޮރެންޖު އެލާޓް ނެރެފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
"އެހެންމާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބައިވަރު، ވަރަށް ބޮޑު އަދަދެއްގެ ވާރޭ މި ވެހުނީ. 80 މިލިމީޓަރަކީ ރާއްޖޭގެ ނިސްބަތުން ބަލާ ނަމަވެސް އެ ވަރު ކުޑަ ވަގުތުކޮޅަކަށް، ތިން ގަޑިއިރަށް ބަލާއިރުގައި ވަރަށް ގިނަ އަދަދެއްގެ ވާރޭ. އެހެންމާ 45 މިލިމީޓަރު ނޫނޫ 40 މިލިމީޓަރު ވެހޭއިރު މާލެ ފެންބޮޑުވާއިރު، 80 މިލިމީޓަރު ވެހުނީމާ އޭގެ ޑަބަލް ވެގެން ދިޔައީ," އޮފިޝަލް ވިދާޅުވިއެވެ.
މި އަހަރުގެ ހުޅަނގު މޫސުން ޑިސެންބަރާ ހަމަޔަށް
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވިޔަސް، މި އަހަރުގެ ޑިސެންބަރާ ހަމައަށް ހުޅަނގު މޫސުން ދެމިގެންދާނެއެވެ.
މީގެ އިތުރުން ވެސް މި އަހަރުގެ ތެރޭގައި އާންމުކޮށް ރާއްޖެއަށް ވާރޭވެހޭ ވަރަށްވުރެން އިތުރަށް ވެހޭނެ ކަމަށް، ހުޅަނގު މޫސުމުގެ ކުރިން ލަފާކޮށްފައިވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

ވިއްސާރަވެ ކަނޑުގަދަވުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ހަމަ އެކަނި ރާއްޖެއެއް ނޫން، ސްރީލަންކާ އަދި އިންޑިއާގެ ގިނަ ހިސާބުތަކަށް ވެސް، މުޅި ސައުތު އޭޝިއާގެ ގިނަ ހިސާބުތަކަކަށް އެބަވް ނޯމަލް (އާންމުކޮށް ވެހޭ ވަރަށްވުރެން އިތުރަށް ވާރޭ ވެހޭނެ ކަމަށް) ޕްރެޑިކްޓް ކުރެވިފައިވަނީ," އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރަމުންދާ ހުޅަނގުގެ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ރީނދޫ ސަމާލު ނެރެފައެެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅު އަށް މިއަދު ހެނދުނު 10:00 އިން މެންދުރު ފަހު 14:00ގެ ނިޔަލަށެވެ.
މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ހަ ފޫޓާއި ނުވަ ފޫޓާއި ދެމެދުގައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުންވަނީ އެދިފައެވެ.