24 Jun 2012, 18:32
ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ޕޮލިސް ކުލަބުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓްގައި ރޭ ކުޅުނު މިމެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ އައިލެންޑް އޯޝަން ކުލާބާ ވާދަކޮށް ސީދާ ތިން ސެޓުން ނެވެ.
ރޭގެ މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފައިވާގޮތަށް ބަލާއިރު، މެޗުގެ ފުރަތަމަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25 ޕޮއިންޓް ހަތް ޕޮއިންޓުންނެވެ. ދެ ވަނަ ސެޓް 25 ޕޮއިންޓް ފަސް ޕޮއިންޓުން ކާމިޔާބު ކުރި އިރު، ފަހު ސެޓް ޕޮލިހުން ކަމިޔާބު ކުރީ 25 ޕޮއިންޓް ނުވަ ޕޮއިންޓުންނެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބަށް 17 ޕޮއިންޓް ކާމިޔާބު ކޮށްދިން އާގިލާ ހަމީދެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމުންނެވެ.
އަމިކާ ސްޕޯޓްސް ކުލަބާ ވާދަކޮށް މާބައިދޫއިން މިއަދުގެ މެޗް ކާމިޔާބު ކުރިއިރު، މެޗުގެ ސެޓްތައް މާބައިދޫ ކާމިޔާބު ކުރީ 25-16، 25-17 އަދި 25-15 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާބައިދޫ ޓީމުގެ ފާތިމަތު މަޒިއްޔާ އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އެސްޓީއޯ އާއި އެމްއެސްހެލްޕިން ހޭންޑެވެ. މެޗް ފަށާ ގަޑިޔަކީ މިރޭ 8:30 ގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން، ޖުމްލަ ހަތް ޓީމް ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގުރޫޕަކުން ވެސް އެއް ވަނަ ހޯދާ ދެ ޓީމެއް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ކުރިމަތިލާނީ ދެ ގުރޫޕްގެ އެއް ވަނަ އެވެ. ސެމީގެ ދެވަނަ ޖާގަ ލިބޭނީ ގުރޫޕް އޭގެ ދެވަނަ އާއި ގުރޫޕް ބީގެ ތިން ވަނަ ޓީމު ކުޅޭ އެލިމިނޭޝަން މެޗާއި ގުރޫޕް ބީގެ ދެވަނަ އާއި ގުރޫޕް އޭގެ ތިން ވަނަ ޓީމު ކުޅޭ އެލިމިނޭޝަން މެޗުން މޮޅުވާ ދެ ޓީމަށެވެ. ދެވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމު އަތުން ތިން ވަނަ ސެމީގައި ވާދަކޮށް މޮޅުވެގެންނެވެ.
މުބާރާތުގެ ގްރޫޕް އޭ ފަޅީގައި ހިމެނޭ ޓީމް ތަކަކީ ޕޮލިހާއި އޯޝަން ކުލަބާއި އަމިކާ ސްޕޯޓްސް ކުލަބް އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމް ތަކަކީ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި އެމްއެސް ހެލްޕިން ހޭންޑް އަދި ކްލަބް ޕޯލް ސްޓާ އެވެ.