17 Aug 2024, 20:57
ދުޅަހެޔޮ ސިއްހަތާއި، ހޯމޯން އިމްބެލެންސާ ގުޅޭ މައުލޫމާތުގެ މައްޗަށް އެކުލަވައިލައިފައިވާ ފޮތް، "ހޯމޯންސް އެންޑް ޕްރިޒާވިން ޔޫތް" ނެރެފިއެވެ.
މި ފޮތަކީ އެންޑޯކްރިނޯލޮޖިސްޓުން ކަމަށްވާ ޑރ. މާރިޔާ ރުސަލެންކޯ އާއި ޑރ. މުޙައްމަދު ވިޝާމް ލިޔުއްވި ފޮތެކެވެ.

އާޓު ގެލަރީގައި އެ ފޮތް ލޯންޗް ކޮށްދެއްވީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޗެއާޕާސަން އަލައު އަލީއެވެ.
އެ ފޮތުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ މުހިންމުކަމާއި، 'ހޯމޯން އިމްބެލެންސް'ގެ ސަބަބުން ދިރިއުޅުމަށް ކުރާ އަސަރުތަކާ ގުޅުންހުރި މައުލޫމާތެވެ. މި ފޮތުގައި ހޯމޯންސާ ގުޅޭ މައްސަލަތަކާއި، ސްޓްރެސް އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުތަކުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ހިމަނާފައިވެއެވެ.
މި ފޮތް އެންމެ ފުރަތަމަ ލޯންޗް ކޮށްފައިވަނީ ރިޕަބްލިކް އޮފް ބެލަރުސްގައި ފެބްރުއަރީ 2023ގައެވެ. ރާއްޖެއަކީ މި ފޮތް ލޯންޗުކުރި ދެވަނަ ގައުމެވެ. އެހެން ކަމުން މި ފޮތް ރަޝިޔާ ބަހުންނާއި އިނގިރޭސި ބަހުން، އެމެޒޯން އަދި އޯޑިބަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
މި ފޮތް ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ފޮތުގެ މުސައްނިފުން ވަނީ ރަނގަޅު ހެލްތް ކެއާ ތައުލީމާއި، އަދި ވަކިން ޚާއްސަކޮށް ޒުވާން ޖީލުތަކުގައި ކަންބޮޑުވާ މިންވަރަށް އޮބޭސިޓީ އާއި ދަރިމައިނުވުމުގެ މައްސަލަތައް ފަދަ އެންޑޮކްރައިން ކޮންޑިޝަންތައް އިތުރުވަމުންދާކަން ފާހަގަ ކުރައްވައިފައެވެ.

މީޑިއާއާ ވާހަކަ ދައްކަވަމުން ޑރ. ވިޝާމް ވިދާޅުވީ މިއީ ދިވެހި މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި ފޮތް ލޯންޗުކުރުމުގައި އެހީތެރިވެދިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އަދި ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުން ވެދިން އެހީތެރި ކަމަށް ޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ޕަބްލިކް ޕްރޮފެސާ ޑރ. މާރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީގައި އޭނާ މަސައްކަތް ކުރެއްވި މަދު ދުވަސްކޮޅުގައި ރާއްޖޭގެ ޕޭޝަންޓުން ދެނެގަނެވުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެކެވެ.
އެހެން ނަމަވެސް އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖޭގައި އާންމު ދިރިއުޅުމާއި ބަރުދަނާއި ގުޅުންހުރި ބަލިތަކާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް، ރާއްޖޭގެ އާބާދީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.
މި ފޮތުން ލިބޭ އާމްދަނީ ހަދިޔާކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ހިއުމެނިޓޭރިއަން އޯގަނައިޒޭޝަނަށެވެ.