ފެބުރުއަރީ ހަތް ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ޓަކައި އެކުލަވާލައިފައިވާ އިންކުއަރީ ކޮމިޝަނުގައި ރައީސް ނަޝީދުގެ ފަރާތުން ކަނޑައަޅުއްވާފައިވާ ގަހާ އަހުމަދު ސައީދު އެ ކޮމިޝަނުންދޭ އެއްވެސް އެލަވަންސެއް ނުނަންގަވާނެ ކަމަށް ސަން އަށް މުއުތަބަރުކޮށް އެނގިއްޖެ އެވެ.

ނަމަވެސް ސައީދު އެކަން ދޮގު ނުކުރައްވާތާ އެކަން ކަށަވަރެއް ވެސް ނުކޮށްދެއްވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެކަމާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކަށް އެއްވެސް އިންޓަވިއުއެއް ދޭކަށް. އެހެން ނޫސްތަކުގައި ވެސް ތިޔަ ހަބަރު ލިޔެފައި އެހެރީ އަޅުގަނޑާ މަޝްވަރާކޮށްފައެއް ނޫން،" ސައީދު ވިދާޅުވި އެވެ.

ސަން އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތަކީ އޭނާ ދިވެހި ރައްޔިތުނަށް ޓަކައި ކޮށްދެއްވާ ކަމެއް ކަމަށް ބުނެ އޭނާ އެ އެލަވަންސް ނުނަންގަވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.

އެކަމާ ބެހޭ ގޮތުން ސަރުކާރުގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ކުރިން ވިދާޅުވެފައި ވަނީ އިންކުއެރީ ކޮމިޝަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ސިންގަޕޫރް ފަނޑިޔާރު ފިޔަވައި ދެން ތިއްބެވި ބޭފުޅުނަށް އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ރައީސް އައްޔަން ކުރައްވާފައިވާ ބޭފުޅުނަށް 75000ރ. އަށް ވުރެ ބޮޑުނުވާނެ އެލަވަންސެއް ދެއްވާނެ ކަމަށެވެ.