ސަރުކާރު ބަންދުވުމުން މިއަދު އައިޖީއެމްއެޗުގެ ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަމާ ގުޅުވާ އައިޖީއެމްއެޗުން ނެރެފައިވާ އިއުލާނެއްގައި ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅުމުން ދަރުމަވަންތަ ހޮސްޕިޓަލާއި އިއިޖީއެމްއެޗް، އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދު ވާނެ ކަމަށެވެ.

ނަމަވެސް އިމަޖެންސީގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުން ވަނީ މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 3335335އަށް ގުޅުއްވުމަށް އެދިފައެވެ.

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ފެންބޮޑުވެފައި ވަނިކޮށެވެ.

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނީޓާކޮށް އަވަސް ހައްލެއް ހޯދުމަށް ރައީސް އިސްކޮށް ހުންނަވައި ރޭ ވަނީ ޓާސްކް ފޯހެއް ވެސް އެކުލަވާލައްވައިފިއެވެ.