24 Jun 2012, 17:50
ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ފަހުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލާއި އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ނެރުއްވި ރިޕޯޓް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަށާއި އިންކުއަރީ ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
އަސްލަމް މިއަދު ވިދާޅުވީ "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތު"ގެ ރިޕޯޓް ޕީޖީ އަށް ހުށަހެޅީ، ފުލުހުންނާއި ސިފައިންގެ ތެރެެއިން ބަޔަކު "ކުށްތަކެއް" ކޮށްފައިވިއަސް، "އެ ކުށްތައް ކޮށްފައިވާ މީހުން" އަދި ވެސް ވަޒީފާގައި އުޅެމުންދާތީ ކަމަށެވެ.
"ހަތެއް ފެބްރުއަރީގައި ހިނގައި ދިޔަ ބަޣާވާތުގައި ފެނިގެން ދިޔަ ބައިވަރު ޖިނާއީ ކުށްތައް އެބަހުރި. ނަމަވެސް އެ ކުށްތައް ކުރި މީހުނަކީ މިހާރު ވެސް ވަޒީފާތަކުގައި އުޅޭ މީހުން. އަޅުގަނޑުމެނަކަށް ނުފެނޭ މި ދެންނެވި މީހުނާ ދޭތެރޭ ގާނޫނީ ފިޔަވަޅެއް އަޅަން އުޅޭތަނެއް. ޕްރޮސެކިއުޓާ ޖެނަރަލް އަށް އެނގިވަޑައިގެންފައި އޮތަސް އަދި ނެތަސް އަޅުގަނޑުމެން ދެކުނީ އަޅުގަނޑުމެންގެ ވާޖިބެކޭ ސީދާ ޕްރޮސެކިއުޓާ ޖެނަރަލްއާ ހަމައަށް ގެންގޮސްދިނުން މި މައުލޫމާތު،" އަސްލަމް ވިދާޅުވި އެވެ.
އަދި އިންކުއަރީ ކޮމިޝަނަށް އެ ރިޕޯޓް ހުށަހެޅުއްވީ އެންމެ ފުރަތަމަ އެ ކޮމިޝަނުން ނެރެފައިވާ ޓައިމް ލައިނުގައި "ވަރަށް ބޮޑަށް ކަންތައްތައް އޮޅުވާލާފައި ވާތީ" މިހާރު އަލުން އެކުލަވާލާފައިވާ ކޮމިޝަނުން ފަށާފައިވާ މަސައްކަތަށް އެހީތެރިކަމެއްވެ ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރިިޕޯޓް އެ ކޮމިޝަނުން ބެލުމުން ޓައިމް ލައިންގައިވާ ކަންތައްތަކާ އެ ރިޕޯޓްގައިވާ ކަންތައްތަކާ އެއްގޮތް ނޫން ކަންތައްތަކެއް ފާހަގަ ކުރެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އަމީނާއި އަސްލަމް ނެރުއްވެވި ރިޕޯޓުގައިވާ ކަންތައްތަކަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް ބުނެ އެކަން ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.
ވެރިކަން ބަދަލުވި ގޮތް އެމްޑީޕީގެ އިސް ދެ އޮފިޝަލަކު އަމިއްްލަ އަށް ތަހުގީގުކޮށް ރިޕޯޓެއް ނެރެ އަދި ވަކި ބަޔަކާ ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް ޕީޖީ އަށް އެމްޑީޕީ އިން އެ މައްސަލަ ހުށަހެޅި އިރު، ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި އިންކުއަރީ ކޮމިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ބޭފުޅަކު ބައިވެރިކޮށް، އެ ކޮމިޝަންގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ކޮމިޝަންގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.