13 Aug 2024, 21:23
މިއަދު މާލެއަށް މެދުކެނޑުމެއްނެތި ގިނަ އިރުތަކެއްވަންދެން ވެހުނު ބޯ ވާރޭގައި ފެންބޮޑުވި މަގުތަކުން، މިހާތަނަށް ތިން މިލިއަން ލީޓަރުގެ ފެން ހިންދިއްޖެ ކަމަށް ދިވެހި ސިފައިންގެ ޚިދުމަތުން ބުނެފިއެވެ.
ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއެންޑީއެފްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފެން ހިންދުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މާލޭގެ 10 ސަރަހައްދެއްގައި ހަރަކާތްތެރިވާކަމަށެވެ.
އެގޮތުން މިހާތަނަށް ޕަންޕުން، 3،284،600 ލީޓަރުގެ ފެން ބޭރުކުރެވިފައި ވާކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު މިއަދު ވިދާޅުވީ މާލޭގެ މަގުތަކުން ފެންހިންދުމަށް އެމްއެންޑީއެފްގެ ހުރިހާ ޕަންޕުތަކެއް ނެރެގެން މަސައްކަތް ކުރާކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހަށް ވެސް މާލޭގެ މަގުތަކުން ފެންހިންދިމުގެ މަސައްކަތަށް ސިފައިން ތައްޔާރަށް ތިބިކަމަށެވެ.
މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރާއިރު، 252 ގެއެއްގައި ފެންބޮޑުވެގެން ރިޕޯޓު ކޮށްފައި ވާކަމަަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.
ވާރޭ ވެހުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނިންމާފައި އޮތީ، މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރުގައި ހަދައި، އާ ސްޓޯމްވޯޓާ ނިޒާމުގައި ވަރަށް ފަލަ ހޮޅިތަކާއި ވަރުގަދަ ޕަމްޕިން ނިޒާމެއް ހިމެނުމަށް ކަމަށް ވިދާޅުވެފަައެވެ.