މިހާރު ކުރަމުން އަންނަ ބޯ ވިއްސާރައާ ގުޅިގެން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމެބުން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

‏މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ހީނާ ވިދާޅުވިއެވެ.

އެހެންކަމުން މިއީ މޫސުން ގޯސްވުމުގެ ސަަބަބުން ކިޔަވާ ކުދީންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ހަމައެއާއެކު ‏މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާއި ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސް ދެއްވިކަމަށް ހީނާ ވިދާޅުވިއެވެ.

މެޓް އޮފީހުން މިހާރުވަނީ މިއަދު 14:15ގައި މެދު ރާއްޖެތެރެއަށް ނެރުނު އޮރެންޖު އެލާޓް، ރީނދޫ އެލާޓަކަށް ދަށްކޮށްފައެވެ.

ބޯކޮށް ވެހުނު ވާރޭގައި ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގެއްލުން ލިބިފައިވާއިރު މާލެއިން އެކަނި ވެސް 230އަށްވުރެ ގިނަ ގެއިން ފެން ބޮޑުވެގެން ރިޕޯޓުކުރިކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.