24 Jun 2012, 17:28
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް( ޕީޖީ) މަސައްކަތް ހިނގަނީ ރަނގަޅަށް ކަމަށާއި އެ އޮފީހަށް ހުށަޙަޅާ މައްސަލަތަކުގެ 87 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެ ޕާޓީ އިން ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ކުރާ ޒިޔާރަތުގައި މިއަދު ޕީޖީގެ އޮފީހަށް ދިޔުމަށް ފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ޕީޖީގެ މަސައްކަތްތައް ލަސްވާ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން ދިޔަ ނަމަވެސް މިއަދު ބެލިބެލި ބެލުމުން އެނގެނީ ޕީޖީ އަށް ހުށައަޅާފައިވާ މައްސަލަތައް ކުރިއަށް ދާލެއް ލަސްނޫން ކަމަށާއި އެފަދަ މައްސަލަތައް ޕީޖީ އަށް ހުށައަޅާއިރު ހުށައެޅުމުގައި ހުންނަ ބައެއް ކަންކަމުގެ ސަބަބުން "ކުޑަކުޑަ ތާއްޓެއް" އަރަމުން އަންނަނީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ބައެއް މައްސަލަތައް ލަސްވުމުގައި ޕީޖީގެ އިހުމާލެއް ނެތްކަން ބެލިބެލިމުން ފާހަގަކުރެވުނު ކަމަށެވެ.
"ޕީޖީގައި މައްސަލަތައް ލަސްވާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށް އެ ވާހަކަ ދަނީ ދައްކަމުން. އަޅުގަނޑު ވެސް ކުރިން ހީކުރަނީ އެ މައްސަލަތައް ލަސްވުމުގައި އިހުމާލެއް އޮތް ކަމަށް. ނަމަވެސް މިކަމުގައި ސުވާލުކޮށް އޮޅުން ފިލުވީމާ އެނގުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ވަރަށް ގިނަ ކަންތަކެއް ހުރިކަން. ހަގީގަތުގައި މައްސަލަ ލަސްވަމުން ދަނީއަކީނޫން. އެންމެ ފުރިހަމަ ގޮތުގައި އެކަން ހުށައަޅަން ޖެހޭ ބައެއް ކަންކަން ގާނޫނީ އިމުގެ ތެރެއިން ގިރާކޮށްފައި ވަޑައިގެންނަވަން ޖެހޭތީވެ އަރާ ކުޑަކުޑަ ތާއްޓެއް އަރަނީ،" ވައްޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮފީހަށް ހުށައެޅިފައިވާ ގިނަ މައްސަލަތަކުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ބައެއް މަސައްކަތްތައް ކުރުމުގައި ގޮންޖެހުންތަކެއް ދިމާ ވަނީ ކަމަށެވެ.
ވައްޑޭ ވިދާޅުވީ ޕީޖީ އާ މިއަދު ބައްދަލުކުރި އިރު އާއްމު ފަރާތްތަކުން ހުށައަޅާފައިވާ ޝަކުވާތައް ޕީޖީއާ ހިއްސާ ކުރެއްވި ކަމަށެވެ.
ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރުމުގެ ކުރިން ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކާ އެކު މަޝްވަރާކޮށް އެކި މައުލޫމާތުތައް އެ ޕާޓީން އަންނަނީ ހޯދަމުންނެވެ. މީގެ ކުރިން ވަނީ އެންސްޕާއާއި ސްޓެލްކޯ އާސަންދަ އާއި ހެލްތު މިނިސްޓްރީ އާ ބައްދަލުކޮށް މައުލޫމާތު ހޯދާފަ އެވެ.